ގިނަ މީހުންނަކީ ނިދުމުގެ ކުރިން ދެތިން ގަޑިއިރު ފޯނާ ކުޅެން އޮންނަ މީހުންނެވެ. މިކަމުން ލިބޭ ގެއްލުމުގެ ވާހަކައަކީ އަބަދުވެސް ކަމުގެ މާހިރުން ދައްކަމުން އަންނަ ވާހަކަ އެކެވެ. އެހެން ކަމުން އޭގެ ބަދަލުގައި ނިދުމުގެ ކުރިން ފޮތެއް ކިޔާލުން ކިހިނެއްވާނެ ހެއްޔެވެ؟
ވާހަކަ ފޮތެއް ކިޔާލުމުން އަޅުގަނޑުމެންގެ ހަށިގަނޑަށާއި ސިކުނޑިއަށް އެތައް ގޮތަކުން ފައިދާކުރުވާ ކަން މިވަނީ ދިރާސާތަކުން ދައްކާފަ އެވެ. ޚާއްސަކޮށް ރޭގަނޑުގެ އަރާމު ނިދި ނިދާލުމުގެ ކުރިން ދުވާލުގެ މަސައްކަތްތަކުން ދުރަށް ޖެހިލުމަށް ވެސް ފޮތެއް ކިޔާލުމުގެ މުހިއްމުކަން މާހިރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަޑު ނިދަން އޮށޯތުމަށްފަހު ހިތްހަމަޖެހޭ ކަހަލަ ކޮންމެވެސް ފޮތެއް ކިޔާލުން ވަރަށް މުހިއްމެވެ. އޭގެ ސަބަބުން އަނެއް ދުވަހުގެ މަސައްކަތަށް މީހާ ތައްޔާރުވެ އިލްމީ ގޮތުން އެތަށް ކުރިއެރުންތަކެއް ލިބިގެންދެ އެވެ.
އެއާއެކު މީހާގެ ވިސްނުން އެތައް ގުނައަކަށް އިތުރުވެގެންދާއިރު އާ ކަންކަން އުނގެނުމަށްވެސް މީ ހަމަ އެންމެ ރަގަޅު ގޮތްކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ.
ވާހަކަ ފޮތް ކިޔަން ވަކި ވަގުތެއް ނެތްނަމަވެސް ނިދުމުގެ ކުރިން ވާހަކަފޮތެއް ކިޔުމަކީ އިތުރު އެތައްގޮތަކުން ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކަށް މީހާގެ ސިކުނޑި ތަނަވަސްކޮށްދީ ތާޒާކޮށްދޭކަމަކަށްވާއިރު ދުވާލުގެ ވަގުތުތަކުގައި ލިބޭ ނުތަނަވަސްކަމާއި އުދާސްތައް ނައްތާލަދެ އެވެ.
އޭގެ އިތުރުން ޑިޕްރެޝަން އަދި އަވަހަށް ކަންކަމާއިމެދު ހާސްވާ މީހުންނަށް މިގޮތަށް ރޭގަނޑު ނިދުމުގެ ކުރިން ވާހަކަ ފޮތެއް ކިޔާލުމުން މިފަދަ ކަންކަމުން ލުއިކަމެއް ލިބޭކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ނިދުމުގެ ކުރިން ވާހަކަ ފޮތް ކިޔުމަކީ މީހާގެ ކޯޓިސޮލް ލެވެލް އިތުރު ކޮށްދީ ސްޓްރެސް ފަދަ ކަންކަމުން ސަލާމްތްވެ އަވަހަށް ނިދިން ހޭލުމަށްވެސް އެހީތެރިވެދޭ ކަމެއްކަމަށް ވަނީ ހޯދިފަ އެވެ.
އެހެން ކަމުން ނިދުމުގެ ކުރިން ފޯނާ ކުޅެން އޮންނަ އޮތުން ނިމުމަކަށް ގެނެސް ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.