ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްޓަކައި މާލެ ގެނައި ވަގުތު އެތަނަށްދިޔަ ޕީޕީއެމްގެ ބައެއް އަންހެން ސަޕޯޓަރުންނަށް ފުލުހުން އަނިޔާ ކުރި ކަމުގެ ތުހުމަތު އެ ޕާޓީން ކޮށްފި އެވެ.

ޕީީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މާލެ ގެނައި ވަގުތު ޖެޓީއަށް ދިޔަ ބައެއް އަންހެން ސަޕޯޓަރުންނަށް ފުލުހުންގެ ފަރާތުން އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެ ކަނބަލުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ވަކާލާތުކޮށް އަޑުއުފުލަމުންދާ ވަގުތެއްގައި މިފެންނަމުން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަޒީރުންނާއި ބައެއް ފުލުހުން ހިމެނޭގޮތަށް ކަނބަލުންނަށް އަނިޔާކޮށް ފުރައްސާރަކޮށް އެކަމަށް ހިއްވަރުދޭތަން ކަމަށެވެ. ޝިޔާމް ވަނީ އަނިޔާ ލިބިފައިވާ އަންހެނުންގެ ފޮޓޯތައް ވެސް ޓްވީޓްގައި ހިމަނުއްވާފަ އެވެ.

އަނިޔާ ލިބުނު އަންހެނުންގެ ތެރެއިން އެކަކު ވަނީ ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި އެކަމުގެ ތަފްސީލު ކިޔައިދީފައެވެ.

ކެމެރާތަކަށް މަންޒަރު ނާރާ ހިސާބަށް ގޮސް ހޭއަރުވާލުމަށް އެވަގުތު އެތަނުގައި ތިބި ފުލުހުންގެ ތެރެއިން އެކަކު ބުނި ކަމަށް އެ އަންހެން މީހާ ކިޔައިދިނެވެ.

"ހަތަރު ފިރިހެން ފުލުހުން އަޅުގަނޑަށް އަނިޔާކުރި. އަޅުގަނޑުގެ ބުރާ ވާގަނޑު ކެނޑި. އަޅުގަނޑުގެ ހެދުމުގައި ހިފައި ދަމައި ބަނޑު ފެންނަގޮތަށް ބަރަހަނާ ކުރި. އަޅުގަނޑުގެ ކަށިމަތީގައި ބޫޓުން ތަޅައި ނުހިނގޭ ވަރު ކުރި،" އެ އަންހެން މީހާ ކިޔައިދިނެވެ.

އޭނާ ވަނީ ލިބިފައިވާ ބައެއް ޒަޚަމްތައް ވެސް ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި ހަށިގަނޑުގެ ލަދުވެތި ހިސާބުތަކުގައި ވެސް އަނިޔާ ހުރި ކަމަށް އޭނާ ކިޔައިދިނެވެ.