ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ޚާން، އަޖޭ ދޭވްގަން އަދި ޓައިގާ ޝްރޮފް، "ވިމަލް އިލާޗީ"ގެ އިޝްތިހާރުތަކުގައި ފެނިގެން ދިޔުމާ ގުޅިގެން ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
މަހާރާޝްތުރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ މި ތަރިންނަށް ރަސްމީކޮށް ނޯޓިސް ފޮނުވާފަ އެވެ.
އެފްޑީއޭ އިން މި ނޯޓިސް ފޮނުވާފައި ވަނީ، ވިމަލް އިލާޗީގެ ނަމުގައި ކުރާ އިޝްތިހާރުތަކަކީ، އަސްލު މަނާ ކޮށްފައިވާ "ޕާން މަސާލާ" އަދި ދުންފަތުގެ ބާވަތްތައް ޕްރޮމޯޓް ކުރުމަށްޓަކައި ބޭނުންކުރާ "ސަރޮގޭޓް އެޑްވަޓައިޒިން" އެއްތޯ ބެލުމުގެ ގޮތުންނެވެ.
މި އިޝްތިހާރުތަކުގައި ބޭނުންކުރާ "ވިމަލް"ގެ ނަމާއި ލޯގޯ އަދި ބްރޭންޑްގެ ސްޓައިލަކީ އާންމުންގެ މެދުގައި ޕާން މަސާލާގެ އިހުސާސް އުފައްދާ ކަމެއް ކަމަށް އެފްޑީއޭ އިން ގަބޫލުކުރެ އެވެ.
މި ތަރިންނަށް ފޮނުވި ނޯޓިސްގައި އެ އިޝްތިހާރުތަކާ ގުޅިގެން އަމަލުކުރި ގޮތް 15 ދުވަހުގެ ތެރޭގައި ތަފްސީލު ކޮށްދިނުމަށް އަންގާފައިވާއިރު އިޝްތިހާރުތަކުގައި ބައިވެރިވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ހަދަންޖެހޭ "ޑިއު ޑިލިޖެންސް" ނުވަތަ އެކަށީގެންވާ ޗެކްތައް ހަދާފައިވޭތޯ ބެލުމަށް ލިޔެކިޔުންތައް ހުށަހެޅުމަށް ވެސް އަންގާފައިވެ އެވެ.
މިފަދަ އިޝްތިހާރުތަކުގައި ދެން ބައިވެރިވުން ހުއްޓާލުމަށާއި، މިހާރު ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހުރި އިޝްތިހާރުތައް ނެގުމަށް ވެސް އެ ނޯޓިސްގައި އަންގާފައިވެ އެވެ.
މި މައްސަލައަކީ "އޯލް ފުޑް އެންޑް ޑްރަގް ލައިސަންސް ހޯލްޑާސް އެސޯސިއޭޝަން" އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފެށިފައިވާ ތަހުގީގެކެވެ.
ނަމަވެސް، މިހާރު މި ތަރިންނަށް ނޯޓިސް ފޮނުވާފައި ވަނީ ހަމައެކަނި ޖަވާބުދާރީވުމަށް ކަމަށާއި، އަދި އެއްވެސް ފަރާތެއް ކުށްވެރިވާ ކަމަށް ނުނިންމާ ކަމަށް އެފްޑީއޭ އިން ބުނެ އެވެ.
މިކަމާ ގުޅިގެން މި ތަރިންގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން
"އާވާރާޕަން 3" ވެސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި