ވޮޝިންޓަން (27 ޖޫން) - ރަޝިއާއާ ކުރިމަތިލާން ބޭނުން ނަމަ ނޭޓޯއާއި ޖީ7ގެ ގައުމުތައް އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އެެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޖީ7 ސަމިޓުގެ ކުރިން ޖަރުމަނުގެ ޗާންސެލަރު އޮލާފް ސްކޮލްޒްއާ ބައްދަލު ކުރެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިން ހުންނެވީ ނޭޓޯއާއި ޖީ7ގެ ގައުމުތަކުގެ މެދުގައި ޚިލާފުވުންތައް އުފެދޭނެ ކަމުގައި އުއްމީދުގައި ކަމަށާއި ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ބައިޑަން ވަނީ ޖީ7 ސަމިޓުގެ ރިޔާސަތުގައި އިންނަވައިގެން އޮލާފް ކުރައްވަމުން އަންނަ މަސައްކަތަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

"ރިޔާސަތުގައި އިންނަވައިގެން ތި ކުރައްވާ މަސައްކަތަށް ސާބާސް އަރުވަން،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވެރިކަމާ ހަވާލުވުމަށްފަހު ޖަރުމަނާއެކު އޮތް ގުޅުން ވަރުގަދަ ކުރަން އެމެރިކާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖީ7ގެ ސަމިޓުގައި އެމެރިކާއާއި ޖަރުމަނުގެ އިތުރުން ފްރާންސް، އިނގިރޭސި ވިލާތް، އިޓަލީ، ކެނެޑާ އަދި ޖަޕާންގެ ލީޑަރުން ބައިވެރިވެ އެވެ. -- އަލް އަރަބިއްޔާ