ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި ހެދި ޒަމާނީ ފެންވަރުގެ މިިސްކިތުގެ އެންމެ ފަހުގެ މައުލޫމާތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާ މިއަދު ހިއްސާކުރައްވައިފި އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ހިތްގައިމު މިސްކިތް ހުޅުވުން ލަސްވާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

މި އަހަރުގެ ރޯދަ މަހު އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް ކޮވިޑާ ހެދި އެ މަސައްކަތް މެދުކަނޑާލީ އެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުމާ ބެހޭ ގޮތުން ސައޫދީ ސަރުކާރާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި ވަކި ތާރީހެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ދާދިފަހުން ބުންޏެވެ.

"މަސްޖިދު މަލިކް ސަލްމާން"ގެ ނަންދީފައިވާ މިސްކިތާ ބެހޭ ޝާހިދު ވިދާޅުވީ ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާންގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށާއި، އަދި އެމިސްކިތް ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެ މިސްކިތް ހުޅުވާނެ ދުވަހެއް ޝާހިދު ވިދާޅެއްނުވެ އެވެ.

އެ މިސްކިތުގައި ނަމާދު ކުރަން ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް، ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ބޭއްވި އެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި މުސްލިމް ވޯލްޑް ލީގާ ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން ޝާހިދުއާއި ސެކްރެޓަރީ ޖެނެރަލް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާ (ޞޢވ)ގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.