ސްޓްރެޗް މާކަކީ ހަންގަނޑަށް ދިމާވާ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންގެ ހަށިގަނޑުގައި މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ފަހުން ސްޓްރެޗް މާކްތައް އުފެދެ އެވެ. ބަރުދަން އިތުރުވުމާއި މާނބަޑުވުން ނުވަތަ ހަމުގެ އެކި މައްސަލަތަކަކީ ސްޓްރެޗް މާކްސްގެ ބެައެއް ސަބަބުތަކެވެ.

ސްޓްރެޗް މާކް ފިލުވަން ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ކްރީމް، ލޯޝަން ފަދަ ތަކެއްޗަކީ ބާޒާރުން ފަސޭހަކަމާއެކު ލިބެން ހުންނަ ތަކެއްޗެކެވެ. އެހެން ނަމަވެސް މިއީ ފަސޭހައިން ގޭގައި ހުންނަ ތަކެތިންވެސް ފިލުވާ ލެވޭނެ އެއްޗެކެވެ.

އެގޮތުން ސްޓްރެޗް މާކްތައް ފިލުވާލަން ހަކުރު ބޭނުން ކުރެވިދާނެ އެވެ. ސްޓްރެޗް މާކްތައް ފިލުވާލުމަށް އެއް ސަމުސާ ހަކުރު އަލްމަންޑް އޮއިލްއާއި ލުނބޯހުތާ އެއްކޮށްފައި މާކްތައް ހުރި ހިސާބުގައި 8-10 މިނެޓް ވަންދެން އުނގުޅާށެވެ. އެއަށްފަހު ދޮވެލާށެވެ. މިހެން 1 މަސް ދުވަންދެން ތަކުރާރު ކުރާށެވެ. ތަފާތު ފާހަގަ ވާނެ އެވެ.

މީގެ އިތުުރުން ބިހަކީވެސް ހަންގަނޑަށް ދިމާވާ މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާތީ ހަންގަނޑުގެ ޓީޝޫތަކާއި ސެލްތައް އަލުން މަރާމާތުކޮށްދެ އެވެ. ބިހުގެ ހުދުބައި އުލެއް ބޭނުން ކޮށްގެން ކުޑަކޮށް ގިރާލުމަށްފަހު މާކްތައް ހުރި ހިސާބުގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ދޮވެލާށެވެ. ދޮންނަ އިތުރު ހޫނު ފެނުގެ ބަދަލުގައި ފިނިފެން ބޭނުންކުރާށެވެ. މިހެން 2 ހަފްތާވަންދެން ތަކުރާރު ކުރާށެވެ.

ވިކްސް ބާމަކީވެސް ސްޓްރެޗް މާކްތައް ފިލުވާލަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 2 ފަހަރު ނުވަތަ ނިދަމުން މާކްތައް ހުރި ހިސާބުގައި ބާމު އުނގުޅާށެވެ.

މީގެ އިތުރުން އާމަނަކަ ތެލަކީވެސް މިކަމަށް ވަރަށް ރަނގަޅު ފަރުވާ އެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 5-10 މިނެޓް ވަންދެން މާކްތައް ހުރި ހިސާބުގައި އާމަނަކަ ތެޔޮލައިގެން މަސާޖުކޮށްލާށެވެ. އެއަށްފަހު ހޫނުފެނުން ދޮވެލާށެވެ.