ތެލުގެ ބޮޑުވުމުން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން ކުރަމުން އަންނަ ޑިމާންޑްތަކާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާއެކު މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މިމަޝްވަރާތަކުގެ ތެރެއިން ޓެކްސީ ދަތުރުތަކަށް މިހާރު ނަގަމުން އަންނަ އަގުތަކަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެނގިފައިވެ އެވެ.

ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، އެހެނިހެން ބައެއް ޓްެރާންސްޕޯޓް ހިދުމަތްތަކުގެ އަގުތަކަށް ބަދަލު އައިނަމަވެސް، ޓެކްސީތަކުގެ އަގުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު ނެތުމަކީ ޓެކްސީ ޑްރައިވަރުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77 ރުފިޔާއަށެވެ. މިފަހަރު އަގަށް އައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 1.95 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.97 ރުފިޔާ ވަނީ ބޮޑުވެފައެވެ.

ތެލުގެ އަގު އެންމެ ފަހުން ބޮޑުކުރީ 5 މާޗު 2022 އިން ފެށިގެންނެވެ. އެއިރު ބޮޑުކުރީ ޕެޓްރޯލް ލީޓަރެއް 14.60ރ އަށް އަދި ޑީސަލް ލީޓަރެއް 14.80ރ އަށެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކެވެ.