ކޮފީއަކީ އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި އޮންނަނީ ހީވެފަ އެވެ. އެހެންނަވެސް މިއީ މުޅިއަކުން ހަޤީޤަތެއް ނޫނެވެ. ކޮފީގެ ސަބަބުން އިންސާނާާގެ ހަށިގަނޑަށް ފައިދާތަކެއްވެސް ލިބިގެންދެ އެވެ.
ކޮފީގައި އެންމެ ގިނައިން އެކުލެވޭ އެއްމާއްދާ ކަމަށްވާ ކެފައިންއަކީ އޭގެ ސަބަބުން ހަށިގަނޑަށް ކުއްލިއަކަށް ބޭނުންވާ ހަކަތަ ގެނެސްދޭ އެއްޗެކެވެ. ނަމަވެސް ހަކަތަ އިތުރަށް އެންމެ ބޭނުންތެރި ގޮތުގައި ހޯދުމަށް މޮޅު އުކުޅެއް އެބައޮތެވެ. އެއީ ކޮފީ ބޮއެގެން ނިދުމެވެ.
ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކެފައިންއަކީ ނިދުމަށް ހުރަސް އަޅާ އެއްޗެކެވެ. މިހެންކަމުން ނިދުމުގެ ކުރިން ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެމީހުން ބުނެ އެވެ. ނަމަވެސް ކޮފީގައި ހިމެނޭ ކެފައިން ހަށިގަނޑުތެރޭގައި ރަނގަޅަށް ދައުރުވުމަށް ގާތްގަނޑަކަށް 20 މިނެޓް ނަގާއިރު މި 20 މިނެޓް ތެރޭގައި ނިދައިފިނަމަ ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް ރަނގަޅަށް ލިއްބައިދޭނެ އެވެ.
މިކަމުގެ ވާނުވާ ބަލާލުމަށް ފުރަތަމަ ހަށިގަނޑު ވަރުބަލިކަން އިޙްސާސްވަނީ ކީތްވެތޯ ބަލާލަން ޖެހެ އެވެ. ސިކުނޑީގެ ރިކެޕްޓާތަކަށް އެދެމޮޒީން ކިޔާ މާއްދާއެއް އެއްވުމުން ހަށިގަނޑު ވަލިބަލިކަން އިޙްސާސް ކުރެވެ އެވެ. ކޮފީގައި ހިމެނޭ ކެފައިން ބުއިމުގެ ސަބަބުން އެދެމޮޒީން މި ރިސެޕްޓާތަކާ ގުޅުމަށް ހުރަސް އަޅަ އެވެ. އަދި ހަށިގަނޑު ވަރުބަލިކަން އިޙްސާސްވުމުން ދުރުކޮށްދެ އެވެ. ނިދުމުގެ ސަބަބުން އެދެމޮޒީން ހަށިގަނޑުން މަދުވެ އެވެ. މިހެންކަމުން ކެފައިން މިރިސެޕްޓަރތަކާ ގުޅުމަށް އިތުރު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ.
މިގޮތަށް ކަން ކުރުމުގެ ސަބަބުން ނިދާ ހޭލާއިރު ވަރުބަލިކަން އިޙްސާސްވުމުގެ ފުރުސަތު ކުޑަވެ އެވެ. ސަބަބަކީ އެދެމޮޒީން ގުޅެންހުރި ރިސެޕްޓާތައް ކެފެއިންގެ މޮލެކިއުލްތަށް ބަންދުކޮށްފައިވާތީ އެވެ.