އިންޑިއާ ސިފައިން ރާއްޖޭގައި އަސްކަރީ ގޮތުން ހަރަކާތްތެރިވުމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރިޔަށް ދަނިކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް އެހެން ގައުމެއްގެ ބަޔަކާ ހަވާލެއް ނުކުރާނެ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފް އިން މިހެން ބުނީ މިއަދު ބޭއްވި ޚާއްސަ ނިއުސް ކޮންފަރެންސެއްގަ އެވެ.

މި ނިއުސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަދި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގެންނެވި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ކައުންޓާ ޓެރެރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް މަންސޫރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ދިވެހި ސިފައިން އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ.

އިންޑިއާގެ ނަން ނުގެންނަވައި، އޭނާ ވިދާޅުވީ އެކަންކަން ބެލެހެއްޓުމަށް އެހެން އެއްވެސް ގައުމަކާ ހަވާލު ނުކުރާނެ ކަމަށެވެ.

މަންސޫރު ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރީ ބޭސްއެއް ނުހުންނާނެ ކަމަށެވެ. އަދި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން އެއްވެސް ބަޔަކު ބޭތިއްބުމުގެ ވިސްނުމެއް ވެސް ނެތް. އަދި އެއީ އަޅުގަނޑުމެން ތާއީދުކުރާނެ ކަމެއް ވެސް ނޫން،" މަންސޫރު ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޗީފް އާއި އެހެން އިސް އޮފިސަރުން ބައިވެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވަކި ގައުމެއް އިސްތިސްނާ ނުކޮށް، މި ސަރަހައްދުގެ ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ އެކަހެރިވެގެން އޮންނަ ގައުމެއް ގޮތުގައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާއަކީ ޒަމާންވީ އެކުވެރި ގައުމެއް. ނޮވެމްބަރު 3 އާއި ސުނާމީ އާއި ފެނުގެ ކާރިސާގައި އެ ގައުމުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން،" އިންޑިއާއަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ އިތުރުން ޗައިނާ އާއި ޕާކިސްތާނުގެ އެހީގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. އޭގެ އިތުރުން އިންޑިއާއާއެކު ކަނޑުމަތީގަ އާއި އޭރިއަލް ސަވަލައިންސް ކުރިޔަށް ގެންދާ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

"އަސްކަރީ މިލިޓަރީ ޕްރެޒެންސެއް [ރާއްޖޭގައި]ނެތް. އެ މީހުން މަގުސަދެއް ހާސިލްކުރަން ހަތިޔާރުތަކެއް ގެންގުޅޭ ބައެއް ނެތް. ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ޓެކްނިކަލް މީހުން ތިބޭ،" ޗީފް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ މި ޒަމާނުގައި ހަތިޔާރު ހިފައިގެން އެއްގަމުން އަނެއް ގައުމަށް އެއްވެސް ބަޔަކު ނާރާނެ ކަމަށެވެ. އަދި މަސައްކަތްކުރަނީ "މިއުޗުއަލްކޮށް" ކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިން އޮޕަރޭޓްކުރާ ހެލިކޮޕްޓަރަކުން ބަލި މީހަކު ބާލައިގެން ގެންދަނީ. ފޮޓޯ: އެމްއެންޑީއެފް

އިންޑިއާއިން އޮޕަރޭޓްކުރާ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ސިފައިންގެ ޕައިލެޓުން ބޭނުންކުރާތީ ސުވާލުކުރުމުން ޗީފް ވިދާޅުވީ އެތަނުގައި އޮންނަ އެއާ ވިންގު ފުޅާކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޕައިލެޓްކަމުގެ ލައިސަންސް އޮތް ނަމަވެސް ކެޕްޓަނުން އެތަނުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ އިންޖިނިއަރުންނާއި ޕައިލެޓުން މޯލްޑިވިއަންގައި މަސައްކަތްކުރަމުން އެބަދޭ. އެތަނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކުރަމުން ދަނީ،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިމަގުގެ ވިސްނުމަކީ ދިވެހި ސިފައިން ބެލުމުގެ ދަށުން ފުރިހަމަ އެއާ ވިންގެއް ހިންގުން ކަމަށެވެ.