އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުހައްމަދު ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފަ އެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން މިއަދު ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގުމުގައި މުހައްމަދުގެ ދައުރެއް އޮތްކަމަށް ފުލުހުން ތުހުމަތުކުރާއިރު، އެ ދުވަހު ބޯޅަ ދަނޑު ސަރަހައްދަށް އެއްވި މީހުން ބޭނުންކުރި ބައެއް ތަކެތި ފޯރުކޮށްދިނީ އޭނާ ކަމަށް ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ.

މުހައްމަދުގެ އިތުރުން މިމައްސަލައިގައި ވަނީ އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފަ އެވެ.