އިއްޔެއަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. އީދުގެ ކުލަގަދަ ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ޖޯޝާއި ފޯރިއާއެކު މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އެގޮތުން އީދު ވިލޭރޭ އީދު ހުޅު ޖެހުމުން ފެށިގެން އީދު ނަމާދާއި ފެންކުޅީގެ ކުޅިވަރުތަކަކީ މިއަހަރު ވެސް އާދަކާދައިގެ މަތިން ފެނުނު މަންޒަރުތަކެވެ.
މިއަހަރު އިތުރަށް ފާހަގަކޮށްލެވުނު ކަަމަކީ އީދުގެ ހަރަކާތްތަކަށް ރާއްޖެއިން ބޭރުގެ ބައެއް ފަންނާނުން ވެސް ރަށްތަކަށް ގެނެސްފައިވާކަމެވެ. އެގޮތުން އަވަށްޓެރި މަލިކުގެ ޓީމެއް ވެސް އަންނަނީ ބ. ދަރަވަންދޫގައި އެ ފަންނާނުންގެ ހުނަރު ދައްކާލަމުންނެވެ.
އީދުގެ ކުޅިވަރުތައް މިއަދާއި މާދަމާ ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިކަމުގައި ކުޑައެއް ބޮޑެއް، ވެރިއެއް އާއްމެއް ތަފާތު ކުރުމެއް ނެތި ހުރިހާ މީހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ކަން ދިމާކުރި ގޮތުން މިއަހަރުގެ އީދު ދިމާވީ މޫސުން އެހާ ރަނގަޅު ދުވަސްކޮޅަކަށް ނޫނެވެ. އެހެން ނަމަވެސް އެއީ އީދުގެ ޖޯޝާއި ފޯރިއަށް ބަދަލެއް އައި ކަމެއް ނޫނެވެ.
އީދުގެ ފޯރި ކުރިއަށްދާއިރު ސަމާލުކަން ދޭންވީ އެންމެންގެ ރައްކާތެރިކަން އިސް ކުރުމަށެވެ. ކުޅިވަރުތަކުގައި އެންމެންގެ ބައިވެރިވުން ޔަގީން ކުރުމަށެވެ. އީދުގެ ހަގީގީ އުފާ އޮތީ އެގޮތުގެ މަތިންނެވެ.