މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، ސައިކަލުގެ ފަހަތުގައި އިން ޒުވާން އަންހެނަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ރޭ އެ އެކްސިޑެންޓް ހިނގީ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު ބޮޑުތަކުރުފާނު މަގަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ކޮންޓްރޯލް ނުވެގެ ގޮސް ދުވާ ޓްރެކްގައި ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާގައި މަރުވީ ޅ. ހިންނަވަރު، ރެސިން، އައިޝަތު ނަޒްރާ 24، އެވެ.

އޭނާ މަރުވީ ހާދިސާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ދިވެހި ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަރުވި ނަޒްރާއަކީ ޓިކްޓޮކްގައި މަޝްހޫރު ޒުވާނެކެވެ. އޭނާ މަރުވި ހަބަރާއެކު ޓިކްޓޮކްގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުން ދަނީ ހިތާމަފާޅުކުރަމުންނެވެ.

ޓިކްޓޮކްގައި ނަޒްރާ ފޮލޯކުރާ 17،800 އަށް ވުރެ ގިނަ މީހުން ތިބެ އެވެ. އަދި އޭނާގެ ޕޯސްޓްތަކަށް 126،000 އަށް ވުރެ ގިނަ ލައިކް ލިބިފައިވެ އެވެ.