ބޮލުގައި ހަންފޮޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ހަންފޮޅުން ރަނގަޅުކުރާނަމޭ ހިތާ ކުރެވޭ ބައެއް ކަންތަކުން އިތުރަށް ގޯސްވާ ފަހަރު އާދެ އެވެ. އަދި ބޮލުގައި ފުނާ އަޅާ ގޮތުން ވެސް ހަންފޮޅުން އިތުރުވެ އެވެ. މި ލިޔުމުގައި މި ހިމަނާލަނީ ބޮލުގައި ހަންފޮޅުން އިތުރުވާ ގޮތަށް އަހަރެމެންނަށް ކުރެވޭ ބައެއް ކަންތައްތަކެވެ.

މާ ގިނައިން / މާ މަދުން އިސްތަށިގަނޑު ދޮވުން

އިސްތަށިގަނޑު ނުދޮވެ ގިނަ ދުވަސް ވުމުން ބޮލުތެރޭގައި އުފެދޭ ތެޔޮކަމާއެކު ދާހިތްލުމުން ހަންފޮޅުމަށް މަގުފަހިވެ އެވެ. ކޮންމެ ދުވަހު ޝޭމްޕޫ ލައިގެން ބޯ ދޮންނަ ނަމަ އޭގެ ސަބަބުން ބޮލުގެ ހަންގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ރަނގަޅު ތެޔޮތައް ވެސް ސާފުވެ ދޮވެވި، ހަންގަނޑު ހިކޭނެ އެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުން ބޯ ދޮންނަން އެންމެ ރަނގަޅީ ދޭއް ދުވަތަ ތިން ދުވަހުން އެއް ދުވަހު އެވެ.

ކޮންޑިޝަނާ ބޭނުން ނުކުރުން

ޝޭމްޕޫ ލައިގެން ބޯ ދޮންނައިރު މިލައާއެކު ބޮލުގައި ހުންނަ ގުދުރަތީ ތެޔޮތައް ވެސް ދޮވެވި ސާފުވެ އެވެ. ކޮންޑިޝަނާއިން މި ތެޔޮކަން އަނބުރާ ގެނެއުމަށް އެހީވެދެ އެވެ. މީގެ އިތުރުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި އެހެން މާއްދާތައް ލިއްބައިދެ އެވެ.

ބޯ ދޮވުމަށް ފަހު ރަނގަޅަށް ނުހިއްކުން

ބޯ ދޮވުމަށްފަހު ރަނގަޅަށް ނުހިއްކާ ނަމަ ބޮލުގެ ތެރޭގައި ފަންގަސް އާލާވުމުގެ ފުރުސަތު ލިބިގެން ދެ އެވެ. ބައެއް ފަހަރު މަލަސެޒިއާ އުފެދޭ މިންވަރު އިތުރުވެ މާ ގިނައިން ހަންފޮޅެން މެދުވެރިވެ އެވެ.

ސްޓްރެސް ވުން

އަހަރެމެން ކަންކަމާ ކަންބޮޑުވާން ފެށުމުން ހުރިހާ ބުރައެއް އުފަލަން ޖެހެނީ އަހަރެމެންގެ ދިފާއީ ނިޒާމެވެ. މީގެ ސަބަބުން ހަށިގަނޑުގައި ތެޔޮ އުފެދޭ މިންވަރު އިތުރުވެ މަލަސެޒިއާ އާއި ފަންގަސް އުފެދި ހަންފޮޅުމަށް މެދުވެރިވެ އެވެ.

ގިނައިން ފޮނިއެއްޗެހި ކެއުން

މާގިނައިން ފޮނިއެއްޗެހި ކާނަމަ ހޯމޯން އިމްބެލެންސެވެ، އިސްތަށިގަނޑުގެ ސިއްހަތަށް ގެއްލުންވެ އެވެ. އޭގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވެ ގްލޭންޑް ތަކުން އިތުރަށް ތެޔޮ އުފައްދަ އެވެ.