ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ޝަރީއަތުގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާފައިކަމަށް ކުރީގެ ބަންޑާރަ ނަބުކަން ވެސް ކުރައްވާފައިވާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިގޮތަށް ޓުވީޓް ކުރައްވާފައިވަނީ ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ރައީސް މައުމޫނާ ބެހޭގޮތުން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ދިޔާނާ ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު މެލޭޝިޔާގައި ރައީސް މައުމޫނާ ޖާބިރާ ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން ޖާބިރުގެ ފަރާތުން ކަންކަން ކުރެއްވުމަށް އެކަމަނާ އައްޔަން ކުރެއްވި ކަމަށާއި އަމާނާތްތެރިކަމާއެކު ރައީސްމައުމޫނަށް ޖާބިރު ދެއްވި ފައިސާ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މެދުވެރިކޮށް ޙަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އަމާނާތްތެރިކަމުގެ އަގަކީ މަނިކުފާނުގެ ސިޔާސީ މެޝިނަރީ ބޭނުންކުރައްވައިގެން ހަގީގަތް އެއްފުށުން އަނެއް ފުށަށް ޖައްސަވައި ތެދު ބުނާ މީހާއަކީ ދޮގުބުނާ މީހާގެ ގޮތުގައި ތަމްސީލުކޮށް އެމީހާއަށް ފުރައްސާރަ ކުރިމަތި ކުރުންތޯ ދިޔާނާ ސުވާލުކުރެއްވިއެވެ.

އެ މަޝްވަރާތައް ކުރިއަށްދިޔައީ މެލޭޝިޔާގެ އިންޓަމާކް ބިލްޑިންގައި ކަމަށާއި ދިރިތިބި ހެކީން ތިއްބާ ރައީސް މައުމޫން އިތުރުފުޅު ހައްދަވާނީ ވަރަށް ދެރަވަރުވީމަ ކަމަށް ވެސް ދިޔާނާ ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫނާ ގުޅޭގޮތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޑރ. ޝަހީމް ވިދާޅުވީ ރައީސް މައުމޫނާއި ހިޔާލު ތަފާތުވިޔަސް އަލް އަޒުހަރު ޔުނިވާސިޓީއާއި ރައީސް މައުމޫންގެ އިލްމީ ފެންވަރަށް ޖޯކް ޖެހިގެން ނުވާނެ ކަމަށާއި ރައީސް މައުމޫން އަކީ ރާއްޖެ ދުށް ބޮޑު މުފައްކިރެއް ކަމަށެވެ.

އެ ވާހަކަތަކަށް ދިޔާނާ ރައްދު ދެއްވާފައިވަނީ ޖާބިރުގެ އަތުން ރައީސް މައުމޫން ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާ އެވެ.

މިމައްސަލައިގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ވަނީ އެމަނިކުފާނަށް 29 މިލިއަން ރުފިޔާ ދެއްވިކަމަށް ޖާބިރު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.