ރާއްޖޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާގައި އިންޑިއާގެ އެއްބާރުލުން ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެގައުމުގެ "ނެއިބަހުޑް ފަސްޓް" ނުވަތަ އަވައްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތުގެ ދަށުން އެގައުމުން ވަނީ ރާއްޖެއަށް ޝަރުއީ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރަން ފާސްކޮށްފަ އެވެ. އަދި މި އެމްއޯޔޫގެ ދަށުން ކޯޓް ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މިކަމުގެ ފައިދާ ދެ ގައުމުގެ އައިޓީ ކުންފުނިތަކަށާއި އަލަށް ފަށައިގަންނަ ކުންފުނިތަކަށް ވެސް ކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެއްބާރުލުން ދިނުމަށް އިންޑިއާގެ ކެބިނެޓުން އެމްއޯޔޫގައި ސޮއިކުރަން ނިންމާފައިވާކަން އިންޑިޔާއިން ހާމަކޮށްފައިވާއިރު މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ރަސްމީ ބަހެއް ނުލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ މަހުގެ ކުރީކޮޅު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މި އެއްބަސްވުމުގައި ސޮއި ކުރެވޭނެ އެވެ.