މާބަނޑު ދުވަސްވަރު ކޮންމެ މީހެއްގެވެސް ބަރުދަން އާދަޔާ ހިލާފަށް އިތުރުވެ އެވެ. ވިހާ ގަދަވުމަށްފަހު އިތުރުވި ބަރުދަން ލުއި ކުރަން ކޮންމެ މަންމައަކު ވެސް ބޭނުންވެ އެވެ. ތިރީގައި މިގެނެސްދެނީ ބަރުދަން ލުއިކުރުމަށްޓަކައި ސެލެބްރިޓީ ފިޓްނަސް ޓްްރެއިނާ ޔޯގޭޝް ބާތޭޖާ ގެނެސްދީފައިވާ ބައެއް ކަންތައްތަކެވެ.

ގަވާއިދުން ކެއުން

ވިހެއުމަށްފަހު ބަރުދަން ލުއިކުރަން ބޭނުންވިޔަސް އަބަދުވެސް ކާންޖެހޭނެ އެވެ. ބަރުދަން ލުއި ކުރުމުގެ ނަމުގައި ހައިބަނޑާ ހުރުމަކީ އަމިއްލަ ނަފްސަށާއި ތުއްތު ދަރިފުޅަށް ގެއްލުން ލިބޭކަމެކެވެ.

ނޭވާލާ ނިޒާމުގެ ކަސްރަތު ކުރުން

ކޮންމެ ދުވަހަކު ވެސް ހެނދުނު ބްރީތިންގް އެކްސަސައިޒެއް ހަދާލާށެވެ. އޭގެ ސަބަބުން ނޭވާލާ ނިޒާމު ރަނގަޅަށް މަސައްކަތްކޮށް ޓިޝޫތަކަށް ބޭނުންވާ އޮކްސިޖަން ފޮނުވައިދޭނެ އެވެ.

ޕްރޮޓީން ގިނަ ކެއުންތައް ބޭނުން ކުރުން

ގިނައިން ޕްރޮޓީން އެކުލެވޭ އެއްޗެއްސާއި ފެޓީ އެސިޑް އާއި އެންޓި އޮކްސިޑެންޓެންޓް ހިމެނޭ ތަކެތި ކާށެވެ. ޕްރޮޓީންއަކީ މީހާގެ މެޓްބޮލިޒަމް އަވަސްކޮށްދޭ މާއްދާ އެކެވެ. ފެހި ގަދަ ތަރުކާރީ އާއި ކުކުޅާއި މަހާއި ބިހާއި ކިރު އެކުލެވޭ ތަކެތީގެ އިތުރުން ތޮޅީގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ.

ހަކުރާއި ދުންފަތާ ދުރުވުން

ބަރުދަން ލުއިކުރަން ބޭނުންނަމަ ހަކުރާއި ސިނގިރޭޓް ބުއިން ހުއްޓާލާށެވެ. މިއީ މީހާގެ ހަޖަމުގެ ނިޒާމަށް ބުރޫ އަރުވާލާ ބަރުދަން ލުއި ކުރަން ކުރާ މަސައްކަތަށް ހުރަސް އަޅާ ތަކެއްޗެވެ.