މިދިޔަ ނޮވެމްބަރު މަހު ގެ މުސާރަ ޖަމާކުރިއިރު ފެނަކައިގެ މުވައްޒަފުންނަށް ޖަމާކުރީ މުސާރައިގެ ދެބައިކުޅަ އެއްބައިކަން ހާމަވެއްޖެ އެވެ.

"ހުރިހާ" އާ ވާހަކަދެއްކި ފެނަކަ ހެޑް އޮފީހުގެ މުވައްޒަފަކު ބުނީ އިއްޔެ މުސާރަ ޖަމާވިއިރު މުވައްޒަފުންނަށް ޖަމާކޮށްފައިވަނީ ބޭސިކް މުސާރައާއި އެޓެންޑެންސް އެލަވަންސް އެކަނި ކަމަށެވެ. އަދި އިތުރު ގަޑީގެ ލާރިއާއި އެހެނިހެން އެލަވަންސްތައް ހިމަނާފައިނުވާ ކަމަށެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކާއި ކުންފުނިތަކަށް މުސާރަ ޖަމާކުރީ އިއްޔެ ހަވީރު އެވެ. މީގެ ކުރިން ގިނައޮފީސްތަކަށް ކޮންމެ މަހެއްގެ 25 ހިސާބުގައި މުސާރަ ޖަމާކުރެ އެވެ.

"ފުރަތަމަ މުސާރަ ހަދާފަ ފޮނުވީމަ ރިޖެކްޓްކުރީ މާ ބޮޑޭ ކުޑަކުރާށޭ ކިޔާފައި. ދެން ސެލެރީ ސްލިޕް ގައި އިނީ ފުލްކޮށް ހުރިހާ އެލަވަންސްވެސް ހިމަނާފައި. އެކަމަކު ބޭންކަށް ޖަމާކުރީ ދެބައިކުޅަ އެއްބައި ވަރު. ބުނީ ފަހަރެއްގައި މިހަތްފާތެރޭ ނޫނީ އަނެއް ހަތްފާގައި ބާކީބައި ޖަމާކޮށްދޭނެ ކަމަށް،" ފެނަކައިން ވާހަކަދެއްކި މުވައްޒަފު ބުންޏެވެ.

"އަޅުގަނޑުމެންވެސް މިއުޅެނީ ތަންތަން ކުއްޔަށް ހިފައިގެން. ބިލްތަކާ ގޭތެރޭގެ ޚަރަދުތައްވެސް ބަލަހައްޓަމުން ލިބޭ މުސާރައަށް ބަރޯސާ ވެގެން މި ތިބެނީ. މިގޮތަށް ހެދީމަ ކިހާ ދަތިވާނެ." ނަން ހާމަކުރަން ބޭނުންނުވާ މުވައްޒަފަކު ކަންބޮޑުވުން ފާޅުކުރި އެވެ.

"ޢާއްމު މަހެއްގައި ހުރިހާ އެލަވަންސްތަކާއެކު 10،000 ލިބޭ މުވައްޒަފަށް މިފަހަރު މި ލިބުނީ ގާތްގަނޑަކަށް 5،500 ރުފިޔާ ވަރު. ކުންފުނީގައި ފައިސާ ވެސް ހުންނަން ޖެހޭނެތާ. އިހަށްދުވަހު ނޫސްތަކުގައި އެޖެހީ ފުރަތަމަ ފަހަރަށް 35 މިލިއަން ރުފިޔާ ކުންފުންޏަށް ފައިދާވި ކަމަށް ނޫސްތަކުގައި ލިޔެފައި އެއޮތީ." އެ މުވައްޒަފު ބުންޏެވެ.

ފެނަކައިގެ މުވައްޒަފުންނަށް ފުލް މުސާރަ ޖަމާކޮށްނުދޭތީ މުވައްޒަފުންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. މުވައްޒަފުން ބުނަނީ މުސާރައަކީ މުވައްޒަފުންނަށް ޙައްޤުވާ އެއްޗެއް ކަމަށާއި ސިޔާސީ ބޭފުޅުންނަށް ފުލް މުސާރަ ލިބޭއިރު ޢާއްމު މުވައްޒަފުންގެ މުސާރަ ބައިބަޔަށް ބަހާލައިގެން ދިނުމަކީ ބަލއިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންއަށް 35 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށް އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް މިދިޔަ ހަފުތާގައި ނެރުއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެރިފް ރޭޓް ފަރަގަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދިން 434,63 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ގޭގެއަށް ކަރަންޓް ދީގެން 397,3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ.