ޑާކާ (26 ޖުލައި) - ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުގެ ފޮރިން ރިޒާވްގައި ހުރި ބޭރު ފައިސާ މަދުވެ، އެ ގައުމުން ވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީއަށް އެދެފި އެވެ.

އެގޮތުން ބަންގްލަދޭޝްއިން ވަނީ އެގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވައި މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ދިމާވާ ކަންކަމަށް ހޭދަ ކުރަން އައިއެމްއެފްގައި 4.5 ބިލިއަން ޑޮލަރުގެ ލޯނަކަށް އެދިފަ އެވެ.

މިކަމާ ގުޅޭގޮތުން އައިއެމްއެފްގެ ބަހެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން ވަނީ ބޭރު ފައިސާ ގައުމުން ބޭރުވުން މަދު ކުރުމަށްޓަކައި ލަގްޒަރީ މުދަލާއި ކާބޯތަކެތީގެ ބައެއް ބާވަތްތައް އިމްޕޯޓް ކުރުމުގައި ހިފެހެއްޓުންތަކެއް އެކުލަވާލާފަ އެވެ.

އެގައުމުގެ ފޮރިން ރިޒާވް ޖުލައި މަހު 39.67 ބިލިއަން ޑޮލަރުގައި ހުރި އިރު މިއީ 5 މަހުގެ އިމްޕޯޓް މުދަލުގެ އަގު ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މީގެ ކުރިން ދެކުނު އޭޝިއާގެ ސްރީލަންކާއާއި ޕާކިސްތާނުން ވެސް ވަނީ ފޮރިން ރިޒާވް ދަށްވެ އައިއެމްއެފްގެ އެހީއަށް އެދިފަ އެވެ.

މީގެ ތެރެއިން ވެސް ސްރީލަންކާ މިހާރު ކަޑައްތު ކުރަމުން ދަނީ އެގައުމަށް ކުރިމަތިވި އެންމެ ފުން އިގްތިސާދީ އަނދަވަޅުގެ ހާލަތުންނެވެ. -- އަލް އަރަބިއްޔާ