ބޮލީވުޑްގެ އެތަކެއް ރީތި ލަވަތަކެއް ކިޔާފައިވާ އަދުނާން ސާމީ ވަނީ މީގެ ހަފްތާއެއް ކުރިން އޭނާގެ އިންސްޓަގްރާމްގައި ހުރި ހުރިހާ ފޮޓޯތަކެއް ޑިލީޓް ކޮށްލާފަ އެވެ. އަދި ފޮޓޯތައް ޑިލީޓް ކޮށްލުމަށް ފަހު "އަލްވިދާ" ޖަހާފައިވާ ޕޯސްޓެއް އޭނާ ވަނީ ކޮށްފަ އެވެ.
މިކަމާއި ގުޅިގެން ގިނަ އަދުނާން ސާމީގެ ސަޕޯޓަރުން ހައިރާކަމެއް ލިބިގެން ދިޔަ އެވެ. އެތަކެއް ސުވާލުތަކެއް ކުރިމަތިވި އެވެ.
މިހުރިހާ ސުވާލުތަކެއްގެ ޖަވާބު މިހާރު މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދުނާން ސަމީ މިވަނީ ދީފަ އެވެ.
"އަލްވިދާ" އަކީ އޭނާގެ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ލަވަ ކަމަށް ވަނީ ބުނެފަ އެވެ. ލަވައިގެ ޓީޒާއެއް އޭނާ މިހާރު ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.
އޭނާގެ އިންސްޓަގްރާމު ބަޔޯ ވެސް ވަނީ 'އަދުނާން 2.0' އަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން އޭނާގެ ތަފާތު ލަވަތަކެއް ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށް އުއްމީދު ކުރެވެ އެވެ.
އަދުނާން ސާމީއަކީ މިއުޒިކް އިންޑަސްޓްރީގައި ނަން މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ މަގުބޫލުކަން އިތުރުވީ 2000 ވަނަ އަހަރު ނެރުނު "ލިފްޓް ކަރާދޭ" އިންނެވެ. އޭގެ ފަހުން "ތެރާ ޗެހެރާ" އާއި "ބިގި ބިގި ރާތޮމެއިން" ކަހަލަ ރީތި ލަވަތަކެއް އޭނާ ކިޔާފައިވެ އެވެ.
އެ ލަވަތައް ނެރުނީ އަދުނާން ސާމީ ތަންކޮޅެއް ފަލަކޮށް ހުރި ދުވަސްވަރެއްގައި ކަމަށް ވިޔަސް، އޭގެ ފަހުން ހަށިގަނޑު ހިއްކާލައި ފިޓްވިއިރު، މި ފަހުން އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ވެސް ހިކިފައިވާ ފޮޓޯތަކެއް ވައިރަލްވެގެންވެ.
އަދުނާން ސާމީ މިއުޒިކަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް އިންޑިއާގެ ސަރުކާރުން ވަނީ އޭނާ އަށް ޕަދުމާ ޝްރީ އެވޯޑު ދީފަ އެވެ. މިއީ އިންޑިއާގައި އާންމުންނަށް ދޭ ހަތަރުވަނައަށް އެންމެ ޝަރަފުވެރި އެވޯޑެވެ.