އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކަމަށް އެ މަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެއީ ހީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ޖިނާޢީ އަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތުގެ ޝަރީއަތްތަކުން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
"ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް. އިންސާފު ގާއިމްކުރަން ނޫޅޭކަން މި ހުރިހާ ކަމަކުން ޔަގީންވޭ. ނަމެއްގައި ދަޢުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެބައެނގޭމ" ކުރީގެ ނައިބު ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ ވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފަ އެވެ. އަދި އޭނާ އެ ދައުވާތަކަށް އިއުތިރާފްވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އޭނާ ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.
ޒިޔަތުގެ އިއުތިރާފާއެކު އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.