ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ ގަޑިއެއްހާއިރު ތެރޭގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭއިން ކަރަންޓު ކެނޑުނީ ގާތްގަނޑަކަށް 2:50 ހާއިރު އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ކަރަންޓު ލިބުމަށްފަހު ކެނޑިފައިވެ އެވެ.

މީގެ އިރުކޮޅެއް ކުރިން ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ 70 ޕަސެންޓަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ހުޅުމާލޭގައި 2018 ސްޓެލްކޯ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ނަމުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެން ހިންގި މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރާއި 2،000 މެޓްރިކް ޓަނަށް ވުރެ ގިނަ ތެޔޮ ރައްކާ ކުރާނެ ފިއުލް ފާމަކާއި ފެން އުފައްދާ ޕްލާންޓެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލު ކޮށްފައިވާ 1.2 ބިލިއަން ރުފިޔާގެ، ފަސްވަނަ ޕަވާ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.