ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީން، ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓެއް ރައީސް އޮފީހުން މިއަދު އާއްމުކޮށްފި އެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނުގައި ވަނީ "ހިޔާ" މަޝްރޫއުގެ H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިއުލާންކުރާ ކަމަށެވެ.

ހުޅުމާލެ އިން 805 ފްލެޓް ކަނޑައަޅާފައިވާ މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ.

މި ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ކުރިން ވެސް މި ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކު ކުރިމަތިލައި ފްލެޓް ލިބުނު ކަމުގެ ޝަކުވާ ބޮޑުވެފައިވެ އެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނުގައި ވަނީ، އެ ކެޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަނުވާ ފަރާތްތައް ޝަރުތުހަމަ ނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ބުރާސްފަތި ދުވަހުގެ 3:00 ނިޔަލަށް ހުޅުވާލާނެ އެވެ، އެގޮތުން މި ލިންކް

މެދުވެރިކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، މީގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެކަމަށް އިއުލާނުގައި ވެ އެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3010718 އަށް ގުޅުމަށް ރައީސް އޮފީހުން ވަނީ އެދިފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް އަންނަ އަހަރުގެ މާޗް މަހު ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓްތައް ހަވާލުކުރަން ނިންމާފައި ވަނީ ފިނިޝިން ނުނިންމަ އެވެ. އެކަމަށް ވަކި މުއްދަތެއް ފްލެޓް ލިބޭ މީހުންނަށް ދޭން ނިންމާފައިވާއިރު، އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.