އީރާނުގެ ވެރިކަން ވައްޓާލުމުގެ މަގުސަދުގައި، ތާރީހުގައި ވެސް ކުރިމަތިނުވާ ވަރުގެ މާލީ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވޮޝިންޓަނުން ބުނުމާ ގުޅިގެން، އެމެރިކާގެ އާ އިންޒާރުތަކަށް ދޭ ރައްދު ބިރުވެރިވެފައި ވަރުގަދަވާނެ ކަމަށް އީރާނުން ހުކުރު ދުވަހު ބުނެފި އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކާ މެދު އިގްތިސާދީ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް ހޯމަ ދުވަހު ހާމަކުރައްވާނެ ކަމަށެވެ.
އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް، މޭޖާ ޖެނެރަލް އަލީ އަބްދުﷲ ހީ ވިދާޅުވީ އީރާނުގެ ރައްދު ދޭނީ ވަރަށް ފުޅާކޮށް އަދި ވަރުގަދަކޮށް ކަމަށެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއްގަމާއި، ކަނޑާއި، ވައިގެ މަގުންނާއި، ވައިގެ ދިފާއީ ބާރުތަކުގެ އިތުރުން ސައިބާ ހަމަލާތަކަށް ވެސް އީރާނުގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށާއި، ދުޝްމަނުންގެ އާ އިންޒާރުތަކަށް ރައްދުދޭނީ ސިހުން އަރާފަދަ، އަދަބުދެނިވި އަދި ފަނާކުރަނިވި ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، މިހާތަނަށް އެއްވެސް ކޮޅަކަށް ކާމިޔާބީއެއް ލިބިފައި ނުވި ނަމަވެސް، ޓްރަމްޕާއި އީރާނުގެ ލީޑަރުން ދަނީ ކާމިޔާބީގެ ވާހަކަތަކާއި އިންޒާރުތައް ދެމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، ގަލްފުގެ އެހެން ގައުމުތައް މީގެ ތެރެއަށް ވަދެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އިގްތިސާދާއި އާދައިގެ އަސްކަރީ ބާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހުރަސް އެޅުމަށާއި ސަރަހައްދީ ވާދަވެރިންނަށް ހަމަލާދިނުމުގެ ގާބިލްކަން އީރާނުގެ މިސައިލް އަދި ޑްރޯން ފައުޖުތަކުގައި އެބަހުއްޓެވެ.
މަގުބޫލުކަން ކުޑަ ހަނގުރާމައެއް
ހަނގުރާމަ ފެށިއިރު ޓްރަމްޕް ކަނޑައެޅުއްވި މަގުސަދުތައް ކަމަށްވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުމާއި، އީރާނުގެ ދީނީ ލީޑަރުންގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުން ފަދަ ކަންކަން އަދި ކާމިޔާބެއް ނުވެއެވެ. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ޓްރަމްޕްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ރޮއިޓާސް އިން މި ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އޭނާގެ މަގުބޫލުކަން މިހާރު ހުރީ މި ދައުރުގައި އެންމެ ދަށަށް ދިޔަ މިންވަރުގަ އެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ސީދާ އަސްކަރީ ކުރިމަތިލުމަކުން ކުރި ނުހޯދޭނެކަން ވޮޝިންޓަނަށް މިހާރު ގަބޫލުކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޭއިންސާފު ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަތުމަށްޓަކައި ރޭވުންތައް ރާވަންޖެހޭ ކަމަށް އަވަށްޓެރި އިރާގުގައި ހުންނަވައި އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ އީރާނާއި އިރާގުގެ ވިޔަފާރިވެރިންނާ ވާހަކަ ދައްކަވަމުން ގާލީބާފް ވަނީ އީރާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެއްބަސްވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ކިތަންމެ ބޮޑު އަސްކަރީ ބާރެއް އޮތް ނަމަވެސް، ރައްޔިތުން ބަނޑަށް ތިބެ، މާލީ ދައުރުވުމާއި، އިގްތިސާދީ ކުރިއެރުން އަދި އަމިއްލަ އުފެއްދުންތެރިކަން ނެތް ނަމަ ގައުމަކަށް ދެމިނޯވެވޭނެ ކަމަށެވެ.
ފިޔަވަޅުތަކުގެ އިންޒާރާ އެކު ތެލުގެ އަގު އުފުލުން
އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކަށް އެމެރިކާއިން އިގްތިސާދީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ކުރިއަށް އޮތް ހަފުތާތަކުގައި ތެޔޮ ލިބުން ދަތިވާނެ ކަމަށް ބެލެވި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހުކުރު ދުވަހު ވަނީ އުފުލިފަ އެވެ.
1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު ވޭތުވެދިޔަ 50 ވަރަކަށް އަހަރު ވަންދެން އީރާނުން ދަނީ މެދުކެނޑުމެއް ނެތް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލަމުންނެވެ. އެ ގައުމުގެ ރައްޔިތުން ދަނީ އިންފްލޭޝަން މަތިވުމާއި، ފައިސާގެ އަގު ދަށަށް ދިއުމާއި، ހަކަތައިގެ ދަތިކަމާއި އަދި އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ ތަކުލީފުތައް އުފުލަމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާ އަސަރުތަކެއް ކުރާނެ ކަމެކެވެ. ބެސެންޓް ވިދާޅުވީ ޗައިނާއަށް ބޭނުންވާ ހަކަތައިގެ ދެބައިކުޅަ އެއްބައި ހޯދަނީ ގަލްފު ސަރަހައްދުން ކަމަށްވާތީ، އެމެރިކާގެ މި މަޝްރޫއުގައި އެ ގައުމުން ބައިވެރިވުމަކީ ބުއްދިވެރި ގޮތެއް ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާއިން އީރާނުގެ ތެލުގެ 80 އިންސައްތައަށްވުރެ ގިނައިން ގަނެއެވެ. ނަމަވެސް ބެއިޖިންއާ ދެކޮޅަށް އެމެރިކާއިން އިގްތިސާދީ ހަނގުރާމައެއް ފަށައިފި ނަމަ، ޗައިނާއިން ވެސް ރައްދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. ވޮޝިންޓަނުގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތަކުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި، ބޭނުންވަނީ ޑިޕްލޮމެސީ ކަމަށެވެ.
މީގެ އިތުރުން ގަލްފުގެ ގައުމުތަކަށް ވެސް މީގެ ނުރައްކާ އެބައޮތެވެ. އެ ގައުމުތަކުގެ ހަކަތައާ ބެހޭ މަރުކަޒުތަކާއި ބޯފެން އުފައްދާ ޕްލާންޓްތަކަށް މީގެ ކުރިން ވެސް އީރާނުގެ ހަމަލާތައް އަމާޒުވެފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުން އިއާދަކުރުމަށްޓަކައި އެމެރިކާ އާއި އީރާނުން އޭޕްރީލް އަދި ޖޫން މަހު ދެ ފަހަރަކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް އިއުލާނުކުރި އެވެ. ނަމަވެސް އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް ހިމެނޭ އެއްވެސް އެއްބަސްވުމަކަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފަ އެވެ.
ނޭޓޯގެ އިސް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ ހޮރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމާ ބެހޭގޮތުން ބުދަ ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ. މިއީ ސީދާ ނޭޓޯގެ މިޝަނެއް ނޫން ނަމަވެސް، ނޭޓޯގެ ގާބިލްކަން ހުރި ގޮތުން މިކަމުގައި އެހީތެރިވުމަކީ ބުއްދިވެރި ކަމެއް ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ރައީސަކަށް އަލަމްގިރު ހަމަޖައްސައިފި
ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ޒުވާނާގެ ދައުވާތައް ނަގައިފި
ނަތަންޔާހޫ ހައްޔަރުކުރަން ތުރުކީން އިންޓަޕޯލްގެ އެހީއަށް އެދިއްޖެ
