ކިއޭވް (31 ޖުލައި) މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އިރުމަތީ ޑޮނެސްކްގައި ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވެ އެ ސަރަހައްދުން އާއްމު ރައްޔިތުން ހުސްކުރަން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަންގަވައިފި އެވެ.
ޓީވީ މެދުވެރިކޮށް ރޭގެ ވަގުތެއްގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގެ ބިރު ބޮޑުވެފައިވާ ޑޮންބަސް ސަރަހައްދުން ވެސް ވީ އެންމެ އަވަހަކަށް މީހުން ހުސް ކުރަން ޖެހިފައިވާ ކަމަށެވެ.
"މި ސަރަހައްދު ދޫކޮށް ގިނަ ބަޔަކު ދިޔަ ވަރަކަށް ހަނގުރާމައިގައި ލިބޭ ގެއްލުންތައް ކުޑަ ވާނެ. އަދި ރަޝިއާގެ ބާރު ވެސް ދަށްވާނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ބޮޑުވަޒީރުގެ ނާއިބު މީޑިއާތަކުގައި ވިދާޅުވެފައި ވަނީ ޑޮނެސްކުގެ ގޭސް ހޮޅިތައް ހަނގުރާމައިގައި ވީރާނާވެފައި ވާތީ އެ ސަރަހައްދުން މީހުން ހުސް ކުރުމުގެ ކަންކަން ފިނި މޫސުން ފެށުމުގެ ކުރިން ނިންމަން ޖެހޭނެ ކަމަށެވެ.
ޒެލެންސްކީ އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާ ޑޮންބަސްގައި މިހާރު ވެސް އެތައް ހާސް ބަޔަކު ދިރި އުޅެމުން އަންނަ ކަމަށާއި ބޭނުން ނުވިއަސް އެއީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
"ބައެއް ފަރާތްތަކުން ދެކޮޅުހަދާ އެ ސަރަހައްދުތައް ދޫކޮށް ދާން. އެކަމަކު ވެސް އެއީ ކުރަން ޖެހޭ ކަމެއް،" ޒެލެންސްކީ ވިދާޅުވި އެވެ.
މައި ސަރުކާރާ ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ ޑޮންބަސްއަކީ ރަޝިއާ އަށް ވާގިވެރިވާ ދައުލަތެއް އުފައްދައި ހިންގަމުން އަންނަ ސަރަހައްދެކެވެ. -- އަލް އަރަބިއްޔާ