ކޮންމެ ކަމެއްގައި ވެސް އުސޫލުތަކެއް އޮންނާނެ އެވެ. ހަމަ އެ ފަދައިން ހިކެން ކުރާ މަސައްކަތުގައިވެސް ވަކި ހައްދެއް އޮންނަންވާނެ އެވެ. ހަމަ ޑައިޓެއް ފެންނައިރަށް އެ ޑައިޓެއް ބޭނުން ކުރާނަމަ ފަހުން ދިމާވެދާނެ ނުރައްކާ މާ ބޮޑުކަން ވިސްނައިލެވެނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކަށެވެ.

އަވަހަށް ހިކުމުގެ ބޭނުމުގައި ޖޫހުން ފޯކޮށްފައި ހުންނަ ކަފަ ގުޅަ ކެއުމަކީ ވަރަށް އަވަހަށް ހަށިގަނޑު ހިއްކާލާ ގޮތެއް ކަމަށް މީހުން ބުނެ އުޅެ އެވެ. ނަމަވެސް މިކަމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް މިކަމުގެ ނުރައްކާ އަންހެން ކަނބަލުންނަށް ބޮޑެވެ.

ދިރާސާތަކުން ދައްކާފައިވާގޮތުގައި މިގޮތަށް އަމަލު ކުރުމުން ކަނބަލުން މައްސަރު ކަންތަކުގައި މައްސަލަ ދިމާވެ އެވެ.

ޓޭމް ވޯމް ޑައިޓަކީ ވެސް އެހާމެ ނުރައްކާތެރި ޑައިޓެކެވެ. މި ޑައިޓް ކުރާ މީހުން ދިރޭ ސޫތްޕެއް ކަމަށްވާ ޓޭޕް ވޯމްގެ ބިހެއް ލާފައި އޮންނަ ބޭސްގުޅައެއް ނުވަތަ ދެތިން ގުޅައެއް ކާލަ އެވެ. އަދި އެ ބޭސްގުޅައިގާވާ ޓޭޕް ވޯމް ބިސް ޓޭޕްވޯމަކަށް ބަދަލުވެ އިންސާނާ ކައި ބޮއެހަދާ ތަކެތި އެ ވޯމްތައް ކެއުމުން އަވަހަށް ހިކޭގޮތްވާ ކަމަށް ބުނެ އެވެ.

އަދި ވަކިވަރަކަށް ވުރެ ޓޭޕްވޯމް ބޮޑުވުމުން ބޮޑުކަމުދާތަކެއްޗާއެކު ޓޭޕްވޯމް ބޭރަށް ނިކުންނާނެ ކަމަށް ބުނެ އެވެ. މިކަމުގެ ސަބަބުން ކުރިމަތުވާ އެއް ނުރައްކަލަކީ ޓޭޕްވޯމްގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި އިތުރު ޖަރާސީމުތައް އުފެދުމެވެ. އަނެއް ކަމަކީ ޓޭޕްވޯމް ބޮޑުވެ، ބައެއް ހާލަތްތަކުގައި ހަށިގަނޑުން އެ ބޭރު ނުވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމެވެ.

ކެޓޯޖީނިކް ޑައިޓް ނުވަތަ ކެޓޯ ޑައިޓަކީ މަޝްހޫރު ތަރިންގެ މެދުގައި މާ މަގުބޫލު ވައްތަރެއްގެ ޑައިޓެކެވެ. މި ޑައިޓަކީ 10 ވަރަކަށް ދުވަހުން ބަރުދަން ލުއިކޮށްދޭ ޑައިޓެކެވެ. ނަމަވެސް ދިރާސާތަކުން ދައްކަފައިވާގޮތުގައި ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މިހެން ކުއްލިއަކަށް ލުއިކޮށްލާ ބަރުދަން ހަމަ އެހާމަ އަވަހަށް ބަރުކޮށްލާ ކަމަށްވެސް ދިރާސާތަކުން ދައްކާފައިވެ އެވެ.

މީގެ އިތުރުންވެސް ބޭބީ ފުޑް ޑައިޓް ޕްލޭނާއި ޑިޓޮކްސް ޑައިޓް ޕްލޭން ތަކަކީ އޭގެ ވަގުތީ ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް ދިގު މުއްދަތުގައި އޭގެ ގެއްލުންތަކާއި ކުރިމަތިކުރުވާ ޒާތްޒާތުގެ ޑައިޓްތައް ކަމުގައި ނިއުޓްރީޝަނިސްޓުން ބުނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހިކެން އެންމެ ރަނގަޅު ގޮތަކީ ކެވޭ މިންވަރު ދަނެ އެކަން ކޮންޓްރޯލްކޮށް އަދި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅެގެން ކެލޮރީ މަދު ކުރުމެވެ.