ފޮނި އެއްޗެހި މާގިނައިން ކެއުމަކީ ނުވަތަ ބުއިމަކީ ހަށިގަނޑަށް ގެއްލުންހުރި ކަމެއްކަން ދަނެ، ހަކުރު ބޭނުން ކުރާ މިންގަނޑަށް ބަލައިގެން އުޅެނީ މަދު ބައެކެވެ. މި ލިޔުމުގައި މި ބަލާލަނީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ހަކުރު ބޭނުން ކުރާނަމަ ލިބޭ ބައެއް ގެއްލުން ތަކަށެވެ.
ބަރުދަން އިތުރުވުން
ގިނައިން ހަކުރު ބޭނުން ކުރުމުން ބަރުދަން އިތުރުވާކަން ގިނަ މީހުންނަށް ޤަބޫލު ކުރެވެ އެވެ. އިންޓަނޭޝަނަލް ޖާނަލް އޮފް އޮބީސިޓީ އިން 2006 ވަނަ އަހަރު ކަށަވަރު ކޮށްދީފައިވަނީ ފޮނި ބުއިމާއި ކާއެއްޗެހި މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑުގެ ބަރުދަން ވަރަށް ފަސޭހައިން އިތުރުވެ އާދަޔާ ޚިލާފަށް ފަލަވާން މަގުފަހިވާ ކަމެއް ކަމަށެވެ.
ފުރަމޭ ހަލާކުވުން
ފުރަމޭ ރަނގަޅަށް މަސައްކަތް ކުރުމަށް ހަކުރުގައި ހިމެނޭ ގްލުކޯސް އާއި ފްރުކްޓޯސް ބޭނުންވެ އެވެ. ގްލުކޯސް އާއި ފްރުކްޓޯސް ފުރަމޭގައި ލިޕިޑްސްއަށް ބަދަލުވެއެވެ. މާގިނަ ހަކުރު ބޭނުން ކުރުމުން އުފެދެން ޖެހޭ ވަރަށް ވުރެ އިތުރަށް ފުރަމޭގައި ލިޕިޑްސް އުފެދި، ފުރަމޭ ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އެޅި ފުރަމޭ ހަލާކުވާން ފަށަ އެވެ.
ހިތުގެ ބަލިތައް ޖެހުން
ހިތުގެ ބަލިތައް ޖެހުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް މާގިނައިން ހަކުރު ބޭނުން ކުރުން ހިމެނެ އެވެ. ފޮނި އެއްޗެހި މާގިނައިން ބޭނުން ކުރާނަމަ ހިތުގެ ނާރުތައް ހިމަވެވެ، ހިތުގެ އެކި ކަހަލަ ބަލިތައް ޖެހުމާއި ހާޓް އެޓޭކެއް ޖެހުންފަދަ ފުރާނައަށް ނުރައްކާތެރި ކަންތައްތައް ދިމާވެ އެވެ.
ސްޓްރެސް އިތުރުވުން
ހަށިގަނޑުގައި ހަކުރު ހުންނަންވީ މިންގަނޑު މާބޮޑަށް އިތުރު ވެއްޖެނަމަ އެކަމުގެ ސަބަބުން އަސަރު ކުރަނީ ހަމައެކަނި ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން ނަފްސާނީ ގޮތުން ވެސް މީހާ އަށް އެތަކެއް ގެއްލުން ތަކެއް ވެއެވެ. މާގިނައިން ފޮނި އެއްޗެހި ބޭނުން ކޮށްފިނަމަ ދިރިއުޅުމުގެ އެކި ކަންތައްތަކާ މެދު މާބޮޑަށް ހާސްވުމާއި ނުތަނަވަސްވުން އިތުރުވެ އެވެ.