ގިނަ ބަޔަކު ބަރުދަން ލުއި ކުރުމުގެ ނަމުގައި ރެއާދުވާލު ބަނޑަށް ހުރެ ނިންމާލަ އެވެ. ނަމަވެސް މިއީ ހިކެން ތިޔަކުރާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމެއް ނޫނެވެ.

ހިކެން ބޭނުންވާ ނަމަ ކާ އެއްޗެހި ކާ ވަގުތުތަކަކީވެސް ސަމާލުކަން ދިނުން މުހިންމު ކަމެކެވެ. މިކަން ސާބިތު ކޮށްދިނީ ދުބާއީގައި ހެދި ދިރާސާއަކުންނެވެ.

މި ދިރާސާގައި ފާހަގަވެފައިވަނީ ކެވޭ ގަޑިތަކަކީ ހަށިގަނޑުގެ ބަރުދަނާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމެވެ. އެގޮތުން ރޭގަނޑު ނުކައި ހެނދުނު ވަކި ގަޑިއެއްގައި ސައި ބޯ މީހުން ބަރުދަން ލުއިވުން އަވަސް ކަމަށް މި ދިރާސާއިން ދައްކާފައިވެ އެވެ.

ދިރާސާގައި ބުނެފައިވަނީ ރޭގަނޑު މާ ދަންކޮށް ކާނަމަ އެ ކާއެއް ހަޖަމް ވާން ގިނަ އިރު ނަގާ ކަމަށެވެ. ރޭގަނޑު 8:30 ން ހެނދުނު 8:00 އާއި ދެމެދު އެއްވެސް އެއްޗެއް ނުކައި ހުރުމަކީ ހަށިގަނޑު ލުއިކޮށްދީ ސަރުބީތައް ވިރުވާލުމަށް އަވަސްވާނެ ގޮތެއް ކަމަށް ބުނެފައިވެ އެވެ.

ދެން އޮތީ އެހާ ގިނައިރު ނުކައި ހުރެ ހެނދުނު ތެދުވެ ސައި ބުއިމުގެ ވާހަކަ އެވެ. ހެނދުނު އަވަހަށް ހޭލައި ރަނގަޅު ނާސްތާއެއް ކުރުމަކީ މުޅި ދުވަހަށް ބޭނުންވާ ހަކަތަ ހަށިގަނޑަށް ލިއްބައިދީ ބަނޑުހައިކަން ދުރުކޮށްދޭ ކަމެއް ކަމަށް ދިރާސާގައި ފާހަގަކުރި އެވެ.

މިގަޑިތަކަށް ސަމާލުކަން ދިނުމަށް ފަހު ދެން ބަރުދަން ލުއި ކުރަން ކަސްރަތު ކުރުމާއި ކެއުމަށް ބަލާ ބެލުންތަކަށް ފަރުވާތެރި ވުމުން ނަތީޖާ ފެނުން އަވަސްވެ އެވެ.