ވޮޝިންޓަން (އޮގަސްޓް 2) - އެމެރިކާއިން އަފްޣާނިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ އިއްޔެ މަރާލައިފި އެވެ.
މިއީ އަލްގައިދާގެ ބާނީ އުސާމާ ބިން ލާދިން 2011 ވަނަ އަހަރު މަރާލި ހާދިސާއަށްފަހު އެމެރިކާއިން އެ ޖަމާއަތާ ދެކޮޅަށް ހިންގި އެންމެ ވަރުގަދަ އޮޕަރޭޝަނެވެ.
ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ޖަމާއަތުގެ ލީޑަރު މަރާލިކަން މިއަދު އިއުލާންކުރީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ.
މިސްރުގެ ސާޖަންއެއް ކަމަށްވާ ޒަވާހިރީ މަރާލަން އެހީތެރިވާ މީހަކަށް އެމެރިކާއިން 25 މިލިއަން ޑޮލަރުގެ ދޭން ކަނޑައަޅާފައިވެ އެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ދިން ހަމަލާތަކުގައި 3000 އެއްހާ މީހުން މަރުވި އިރު، އެ ހަމަލާ ކޯޑިނޭޓްކުރުމުގައި އޭނާ އެހީތެރިވެދީފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކި އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އާދީއްތަ ދުވަހުގެ ހެނދުނު 6:18 ގައި އެމެރިކާއިން ޑްރޯން ހަމަލާއެއް ދިން ކަމަށެވެ.
"މިހާރު ވަނީ އިންސާފު ގާއިމުކުރެވިފައި. މިހާރު އެ ޓެރަރިސްޓް ލީޑަރު ދުނިޔޭގައި ނުހުންނާނެ،" ވައިޓް ހައުސްގައި ގައުމާ މުހާތަބު ކުރައްވަމުން ބައިޑަން ވިދާޅުވި އެވެ. "އެމެރިކާއިން ދުވަހަކު ވެސް ފަހަތަށް ނުޖެހޭނަން."
ބައިޑެން ވިދާޅުވީ އަފްޣާނިސްތާނުގެ ކާބުލްގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހިންގި އެ އޮޕަރޭޝަންގައި ޒަވާހިރީ ފިޔަވައި އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އެ އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް ބައިޑަން ވަނީ މިދިޔަ ހަފުތާގައި އިންޓެލިޖެންސް ބެލުމަށް އޮފިޝަލުން އެއްކުރައްވައިފަ އެވެ. މުޅި މެއި މަހާއި ޖޫން މަހުގެ ތެރޭގައި ޒަވާހިރީ މައުލޫމާތު އެއްކުރެއްވި ކަމަށް ބައިޑެން ވިދާޅުވި އެވެ. އަދި އެ ހަމަލާ ކުރިޔަށް ގެންދިއުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު ، އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހުށަހެޅި ކަމަށާއި އަދި ޖުލައި މަހުގެ 25 ވަނަ ދުވަހު އަޕްޑޭޓެޑް ރިޕޯޓެއް ލިބި، ފުރުސަތެއް ލިބުމުން ހަމަލާދިނުމަށް ހުއްދަ ދެއްވި ކަމަށް ބައިޑަން ވިދާޅުވި އެވެ.
މި ހަމަލާއާ ބެހޭ ގޮތުން ތާލިބާނުން ބުނީ އެމެރިކާއިން އެ ހަމަލާދިނީ ބައިނަލްއަގުވާމީ ހަމަތަކާ އުސޫލްތަކާ ދެކޮޅަށް ކަމަށާއި އެ ހަމަލާ ކުށްވެރިކުރާ ކަމަށެވެ. މިއަދި މިއީ އެމެރިކާއިން އަފްޣާނިސްތާނުން ފޭބުމާ ބެހޭ ގޮތުން ހެދި އެއްބަސްވުމާ ހިލާފަށް ދިން ހަމަލާއެއް ކަމަށް ވެސް އެ ޖަމާއަތުގެ ތަރުޖަމާނަކު ވިދާޅުވި އެވެ. -- ރޮއިޓާސް