ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމޫއާއި ބައްދަލުކުރައްވައިފި އެވެ.

އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ރައީސްގެ މަގާމަށް އެކަމަނާ ވަޑައިގެންނެވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުން ދެގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މިބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ގެންގުޅުއްވާ ސަރުކާރުގެ ސިޔާސަތުތަކަށާއި، ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްގީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގޭ ދިވެހިރައްޔިތުންނަށް ފައިދާހުރި މުހިއްމު މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. އަދި މި ދަތުރުފުޅުގައި ވެވުނު 6 އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. މިގޮތުން އިގްތިސާދީ ރޮނގުންނާއި ވިޔަފާރީގެ ރޮގުން އަދި ސަގާފީ ރޮނގުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށާއި، މޯލްޑިވްސް-އިންޑިއާ ޕާޓްނަރޝިޕްއަކީ، ސަރަހައްދަށް ނަމޫނާއެއްކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެކު އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު ބޭއްވި މިބައްދަލު ކުރެއްވުމަކީ އެކަމަނާ އިންޑިއާގެ ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށްފަހުގައި، ބޭރު ޤައުމެއްގެ އިސްވެރިއަކާއި އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަ