އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި މޮޑާނާއިން ކޮވިޑް -19އަށް ތައްޔާރުކުރި ވެކްސިން ސިންގަޕޫރުގައި ބޭނުންކުރުމުގެ ހުއްދައަކަށް އެ ގައުމުގެ ހެލްތް ސައިންސް އޮތޯރިޓީއަށް ހުށަހަޅައިފި އެވެ.

މޮޑާނާގެ ޗީފް އެގްޒެކްޓިވް ސްޓެފެން ބެންސެލް ވިދާޅުވާގޮތުގައި ސިންގަޕޫރުގެ ހެލްތް ސައިންސް އޮތޯރިޓީއާ މިކަމުގައި ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ދާކަމާއި އަދި ހުއްދަ ލިބިއްޖެނަމަ ޑިސެމްބަރު ނުވަތަ އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ވެކްސިން ދޭން ފެށޭވަރުވާނެ ކަމަށެވެ.

"އެ އިދާރާއިން ބޭނުންވި ހުރިހާ މައުލޫމާތެއް ވާނީ ފޯރުކޮށްދީފައި. ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު އުންމީދަކީ ޑިސެންބަރު ނުވަތަ ޖެނުއަރީ މަސް ތެރޭގައި ވެކްސިންދޭން ފެށުން،" އޭނާ ވިދާޅުވި އެވެ.

މިވެކްސިންގެ އެންމެ ފަހުގެ ކްލިނިކަލް ޓެސްޓް ތަކުގެ ނަތީޖާ ލިބުމުން ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަށް އެދި މި ހަފްތާ ހޯމަ ދުވަހު މޮޑާނާވަނީ ހުށަހަޅާފަ އެވެ. ވެކްސިންގެ ނަތީޖާއަށް ބަލާއިރު ވެކްސިން ބޭނުންކުރި 30،000 މީހުންގެ ތެރެއިން 94.1 ފަސެންޓް މީހުން ކޮވިޑުން ރައްކާތެރިވެފައިވެ އެވެ. އަދި 100 ޕަސެންޓް މީހުން ކޮވިޑް 19 އިން ޖެހޭ ތަފާތު އެހެނިހެން ބަލިތަކުން ރައްކާތެރިކޮށްދެ އެވެ.

ފައިޒާ އާއި މޮޑާނާ އިން އުފެއްދި ދެ ވެކްސިންގެ ނަތީޖާ މިދިޔަ ހަފުތާގައި އާއްމުކުރިއިރު 95 ޕަސެންޓް ކާމިޔާބު ކަމަށް ދެއްކި އެވެ. އެހެންނަމަވެސް މި ނަތީޖާތަކުން ވެސް ޔަގީންނުވާ ކަމަކީ މި ވެކްސިން ބޭނުންކުރުމުން ސާސް އަދި ކޮވިޑް 19 ޖައްސާ ވައިރަސް ކަމަށްވާ ކޮވް -2 ހުއްޓުވޭކަމެވެ.

"ލަފާކުރެވޭ ގޮތުގައި ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ވެކްސިންއިން ރައްކާތެރިކޮށްދޭވަރާއި އެކަކުގެ ގައިން އަނެކަކު ގަޔަށް ބަލިފެތުރުން ކޮންޓްރޯލް ކޮށްދޭވަރު އެނގޭ ވަރުވާނީ އަންނަ އަހަރު،" ބެންސެލް ވިދާޅުވި އެވެ.

ބެންސެލް އިތުރަށް ފާހަގަކުރި ގޮތުގައި އެކުންފުންޏަށް މިވެކްސިންގެ ވިހި މިލިއަން ޑޯޒް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އުފެއްދޭނެ އެވެ. އަދި ފައްސަތޭކަ މިލިއަނާއި ބިލިއަން ޑޯޒް އަންނަ އަހަރު އުފެއްދޭނެ އެވެ. ކޮންމެ މީހަކު ވެސް ވެކްސިންގެ ދެ ޑޯޒް ދެމަސް ދުވަސް ތެރޭގައި ފުރިހަމަކުރަން ޖެހޭނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް