ބަންގްލަދޭޝްގެ އަލަމްގީރްއާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

އެ މައްސަލާގައި ސަސްޕެންޑްކޮށްފައިވަނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ ރޭ ދަންވަރު ސޯޝަލް މީޑިއާގައި އާންމުވި، ގްރޫޕް ހަދައިގެން އަލަމްގީރާ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެންނެވެ. އެ ވީޑިއޯއިން ދެން ފެންނަ ފިރިހެން މީހާއަކީ މާލޭގެ ސްކޫލެއްގެ ޓީޗަރެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލާގައި އޭނާ ވެސް ސަސްޕެންޑްކޮށްފަ އެވެ.

އަލަމްގީރާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ވަނީ މީގެ ކުރިން ވެސް ލީކުވެފަ އެވެ. އެ މައްސަލާގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެށިގެން އަންނަނީ ހައްޔަރު ކުރަމުންނެވެ.

އެގޮތުން އެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެވެ. އަދި މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އެވެ.