ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ސްކޫލްތަކުގެ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ކިޔަވާކުދިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން އެއްކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ދެވަނަ ކަމަކަށް އިގްތިސާދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވި އެވެ.

އަދި ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ގާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަހްލާގީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.