އާއިލާގެ އެންމެން އެކުގައި އެއް ސުފުރާ މަތިން ކައިގެން ފޭބިޔަސް އަންހެނުންނަށް ބަދިގޭގެ ކަންކަމުން އަވަދި ވެވޭނީ އެތައް އިރެއް ފަހުންނެވެ. ގިނަ ފިރިހެނުންނަށް ވާ ވަރަކީ ކާން ބޭނުން ކުރި ތަށި ވެސް ސިންކަން ޖަހާފައި ދިއުމެވެ. ކޮންމެވެސް މީހަކު އެކަން ކުރާނެތީ އެވެ.

ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. ކެއުމަށްފަހު ކާތަށި ދޮވެ ބަދިގެ ތެރޭގައި އަތްގާތް ކޮށްދީ އުޅޭ ފިރިހެނުން ވެސް އަހަރުމެންގެ ތެރޭގައި މަދުން ނަމަވެސް އުޅެ އެވެ. ނަމަވެސް ހަމަ ގިނައީ މިބުނާ ކާތަށި ސިންކަށް ޖަހާފައި ދާ ބައިގަނޑުގެ ފިރިހެނުންނެވެ.

ސަބަބަކީ ކޮބާ ހެއްޔެވެ؟ ދިރިއުޅުމުގެ މި "ބޭސިކް ލައިފް ސްކިލް"ގައި ފިރިހެނުން އަންހެނުންނަށް ބަރޯސާ ވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ މަންމަ، ދައްތަ ނުވަތަ އަނބިމީހާ އެކަންކަން ކުރަން ދޫކޮށް ލެވެނީ ކީއްވެ ހެއްޔެވެ؟

ޒަމާނުއްސުރެ އަހަރުމެންގެ މުޖުތަމައުގައި ފިރިހެނަކަށް ވީތީ ދެވޭ ލުއި ތަކެއްވެ އެވެ. ގޭތެރޭގެ ކަންކަމުގައި ފިރިހެނުންގެ ދައުރު މިފަހަކާ ޖެހެންދެން ހަމަ ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ. ތެދެކެވެ. ގެއަށް އާމްދަނީ ވައްދާ މައިގަނޑު ފަރާތަކީ ފިރިހެނުންނެވެ. އެހެން ނަމަވެސް އެވަރުން ފުދޭ ހެއްޔެވެ؟

އަހަރުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ފިރިހެނުން ގޭތެރޭގެ ކަންކަމުގައި އަނބިންނަށް އެހީވުމަށް އަންގަވާފައިވެ އެވެ. ޚުދު އަހަރުމެންގެ ލޮބުވެތި ނަބިއްޔާ ވެސް އެ ބީދައިން ކަން ކުރައްވާފައިވެ އެވެ. ވީއިރު މިހާރުގެ ފިރިހެނުން މިކަމުން ރެކެންވީ ސަބަބެއް ހަަމަ ނުވިސްނުނެވެ.

ކާތަށި ދޮވުން ނޫނަސް ނިދާ އެނދުގެ ތަންމަތި އެޅުމާއި އުޅޭ ތަން ސާފު ކުރުމަކީ ވެސް ހަމަ ގިނަ ފިރިހެނުން އަންހެނުންނަށް ދޫކޮށްލާ ކަންކަމެވެ. ނަމަވެސް ވިސްނާލައިފި ނަމަ މިފަދަ ޒާތީ ކަންކަން އެހެން މީހުންނަށް ކުރަން ޖެއްސުމަކީ ލަދުވެތި ކަމެއްކަން އެނގޭނެ އެވެ.

މިކަން ބަދަލު ކުރުމުގައި އެންމެ އިސް ދައުރެއް އޮތީ ޅަ ފިރިހެން ކުދިންގެ މައިންބަފައިންނަށެވެ. އަމިއްލަ ކާތަށި ދޮވުމާއި ނިދާ ތަންމަތި އެޅުމަކީ ފިރިހެނުން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި އެކުދިންނަށް ދަސްކޮށްދީ އެކަންކަމަށް އާދަ ކުރުވާށެވެ.

ފިރިހެނުންނަށް ބުނެލަމެވެ. ގޭތެރޭގެ ކަންކަަމުގައި އަންހެނުންނަށް އެހީ ވުމަކީ އެއްވެސް ހާލެއްގައި އަނބިދަށުވުމެއް ނޫނެވެ. ނުވަތަ ތިބާގެ އަގުވެސް ވެއްޓޭ ކަމެއް ނޫނެވެ. އެއީ މާތްވެގެންވާ ސުންނަތެކެވެ. މިކަމަށް އަހުލުވެރި ވާށެވެ.