ޣައްޒާ (08 އޮގަސްޓް) - ޣައްޒާގައި ފާއިތުވެދިޔަ ތިން ދުވަހު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތައް ހުއްޓާލަން ސުލްހައިގެ އެއްބަސްވުމެއް ވުމަށްފަހު ވެސް އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުންދާ ކަމަށް އެގައުމުން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ރޭގެ ވަގުތެއްގައި ޣައްޒާއިން އެގައުމަށް ފޮނުވާލި ރޮކެޓް ހަމަލާތަކެއްގެ ރައްދުގައި އެ ގައުމުން ވެސް ޣައްޒާގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނަ ކަމަށެވެ.

"ޣައްޒާގެ ސަރަހައްދުން އިޒްރޭލަށް އަމާޒުވި ހަމަލާތަކެއްގެ ރައްދުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް އަންނަނީ ޣައްޒާގެ ބޮޑު ސަރަހައްދަކަށް ހަމަލާ ދެމުން" އެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިސްރު މެދުވެރިއަކަށް ވެ އިޒްރޭލާއި ޣައްޒާގެ އިސްލާމިކް ޖިހާދު ޖަމާއަތާ ދެމެދު ހިނގަމުން ދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުކަށް އާދެވިފައިވާ ކަމަށް އެ ޖަމާއަތުން އިއްޔެ ވަނީ ބުނެފަ އެވެ.

މިދިޔަ ތިން ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 41 މީހަކު ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ވެސް ހިމެނެ އެވެ.

މި ހަމަލާ ބަދަލު ކުރުންތަކާއެކު ޣައްޒާގައި މީގެ ދެއަހަރު ކުރިން ހިނގިފަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. -- އަލް އަރަބިއްޔާ