ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ނެތް މީހުން ހޯދުމަށް ކުރެވެން ހުރި މަަސައްކަތްތައް ތަހުގީގުގެ ތެރެއިން ކުރަމުންދާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަލަމްގީރީ އާއެކު ގުޅުން ހިންގި ބައެއް މީހުން ވަނީ މައްސަލަ ބަލަމުން ދަނިކޮށް ފުރައިގެން ބޭރަށް ގޮސްފަ އެވެ. އެގޮތުން ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މިވަގުތު ހުރީ ފިލަައިގެން ގޮސް އިންޑިއާގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގުގައި މީހުން ދެނެގަަނެ ފުރުން މަނާ ކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ މައްސަލަތަކުުގެ ތަހުގީގު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ނެތް މީހުން ހޯދުމަށް ކުރެވެން ހުރި މަަސައްކަތްތައް ތަހުގީގުގެ ތެރެއިން ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އާލަމްގީރު ހިމެނޭހެން އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އޭނާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހެކެވެ.

މީގެ ތެރެއިން ކާނަލް ފިޔަވައި އެހެން އެންމެންގެ މައްސަލަތައް ނިންމައި ދައުވާކުރަން އެދި ފުލުހުން އިއްޔެ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.