ކެއުމަށް ކިތަންމެ ބަލައިގެން އުޅުނަސް ނުވަތަ އެ ބޭނުމުގައި ކިތަންމެ ކަސްރަތެއް ކުރިއަސް ބަނޑު ހިންދުމުގައި ގިނަ އުނދަގޫތަކެއް ގިނަ މީހުންނަށް ކުރިމަތިވެ އެވެ. އެހެން ވާނަމަ ތިރީގައި މިވާ ކަންތައްތަކުން ކަމެއް އުނިކޮށް ކުރެވޭތޯ ބަލާލާށެވެ.

ކުރެވޭ ކަސްރަތުތައް ގޯސްވުން

ޖިމްގައި ނުވަތަ އަމިއްލަ އަށް ނަމަވެސް ކުރާ ކަސްރަތު ތަކުން ބަނޑު ނުހިނދޭ ނަމަ އެކުރެވޭ ކަސްރަތުތައް ރަނގަޅު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ދުވުމަކީ ހިތައް ރަނގަޅު ފައިދާތަކެއް ލިބިދޭ ކަސްރަތެއް ނަމަވެސް ބަނޑަށް އެކަމުން އެނގުން ނުވެދާނެ އެވެ. މާހިރުން ވިދާޅުވާ ގޮތުގައި ބަރު އުފުލުމުގެ ކަސްރަތުތަކަކީ ހަށިގަނޑުގެ މަސްތައް ބައްޓަން ކުރުމުގެ އިތުރުން ގިނައިން ސަރުބީ ވިރުވާލާ ކަސްރަތެވެ.

ސްޓްރެސް އިތުރުވުން

ދިރި އުޅުމުގެ ތަފާތު ކަންކަމާ ފިކުރު ބޮޑުވުމަކީ ބަނޑު ހިންދަން ކުރިމަތިވާ އިތުރު ގޮން ޖެހުމަކެވެ. ފިކުރު ބޮޑުވުމުން ހަށިގަނޑުގައި އުފެދޭ ކޯޓިސޯލް ހޯމޯން އަކީ ސަރުބީ ޖެހުމަށް މަގުފަހި ކުރާ ހޯމޯން އެކެވެ. މި ހޯމޯންގެ ސަބަބުން ފެޓް ސެލްތައް ބޮޑެތިވެ ސަރުބީ ޖެހުން އިތުރުވާކަން ދިރާސާތަކުން ހާމަވެ އެވެ.

ރަނގަޅަށް ނުނިދުން

ތަޖުރިބާކާރުންގެ ނަޒަރުގައި ނިދި ހަމަ ނުވުމަކީ ބަނޑު ހިންދަން އުނދަގޫވާނެ ކަމެކެވެ. 70 ހާހެއްހާ އަންހެނުންގެ މައުލޫމާތު ހިމަނައިގެން 16 އަހަރުގެ މުއްދަތަށް އެމެރިކާގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާ އަކުން ހާމަވާ ގޮތުގައި ފަސް ގަޑިއިރަށް ނުވަތަ އެއަށްވުރެ މަދުން ރޭގަނޑު ނިދާ މީހުންގެ ބަރުދަން ހަތް ގަޑިއިރު ނިދާ މީހުންނާ އަޅާ ބަލާއިރު، ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ގޮސްފައިވެ އެވެ.

ތައްޔާރީ ކާނާ ބޭނުންކުރުން

މާ ބޮޑަށް ޕްރޮސެސް ކޮށްފައި ހުންނަ ކާނާގެ ބާވަތްތައް ކަމަށްވާ ހުދު ފުށުގެ ޕާނާއި، ރޮށްޓާއި، ޗިޕްސް އާއި ހުދު ހަނޑުލުގެ ބަތުގެ އިތުރުން ރިފައިން ކޮށްފައި ހުންނަ ހަކުރު އަޅައިގެން ހަދާ ބުއިން ތަކާއި، ފޮނިކާ އެއްޗެހި ހަށިގަނޑަށް އެތެރެ ކުރާނަމަ ބަނޑުގެ ސަރުބީ އަޑިވުން އުނދަގޫވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.