ނިއު ޔޯކް (14 އޮގަސްޓް)- އާއްމު ތަނެއްގައި ވާހަކަ ދައްކަނިކޮށް ވަޅީގެ ހަމަލާތަކެއް އަމާޒުވެ ސީރިއަސް ހާލަތުގައި ފަރުވާ ދެމުން އައި އިސްލާމްދީނުގެ ދުޝްމަނެއް ކަމަށްވާ ސަލްމާން ރުޝްދީގެ ހާލު އިހުނަށް ވުރެ ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައިފި އެވެ.

ރުޝްދީގެ އޭޖެންޓް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރުޝްދީގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި މިއަދުގެ ވަގުތެއްގައި ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ.

"ލިބިފައިވާ ޒަހަމްތައް ސީރިއަސް ވުމުން މުޅިން ރަނގަޅުވާން ވަރަށް ދިގު މުއްދަތެއް ނަގާނެ. އެކަމަކު ވެންޓިލޭޓަރުން ނެގުމަކީ ހާލަތު ރަނގަޅު ވަމުން އަންނަކަން އަންގައިދޭ ކަމެއް" އޭޖެންޓް ބުނެފައިވެ އެވެ.

އުމުރުން 75 އަަހަރުގެ ރުޝްދީއަށް ސީރިއަސް ހާލަތުގައި ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހު އޭނާ ދިން ލެކްޗަރެއްގެ ތެރެއިން 24 އަހަރުގެ ޒުވާނަކު ސްޓޭޖަށް އަަރައި ރުޝްދީގެ ހަށިގަނޑުގެ އެކި ތަންތަނަށް ދިން ޒަހަމްތަކަކަށް ފަހުގަ އެވެ.

އެހެން ނަމަވެސް ހަމަލާގެ ތުހުމަތު ކުރެވޭ 24 އަހަރުގެ ޒުވާނާ ވަނީ އޭނާގެ މައްޗަށް ކުރެެވޭ ހުރިހާ ތުހުމަތުތަކަށް ހޮނިހިރު ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި އިންކާރު ކޮށްފަ އެވެ.

1988 ވަނަ އަހަރު އޭނާ ލިޔުނު "ދަ ސާޓަނިކް ވާސަސް"ގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވުމުން އީރާނުން ވަނީ އޭނާގެ ބޮލަށް ފައިސާގެ އިނާމު ހުށައަޅައި ހުރިހާ މުސްލިމުންނަށް އޭނާ މަަރަން ގޮވާލާފަ އެވެ.

އިންޑިއާ ނަސްލަށް ނިސްބަތްވި ނަމަވެސް އެމެރިކާގެ ރައްޔިތުކަމުގައި އެގައުމުގައި ދިރިއުޅެމުން އައި ރުޝްދީ އެއަށްފަހު އުޅެމުން އައީ ވަރަށް ސިއްރުވެރި ދިރިއުޅުމެކެވެ. -- އަލް އަރަބިއްޔާ