މާލޭގެ ގެއެއްގެ ތެރޭގައި މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކޮށް މަރާލި ޒުވާން އަންހެން ކުއްޖާގެ ޖަނާޒާ ބާއްވައިފި އެވެ.

އަނިޔާވެރި ގޮތަކަށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ މަރާލާފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރު އަލީ ޝާހިލް އެވެ.

ޝިއާއުގެ ޖަނާޒާ ބާއްވާފައި ވަނީ އުފަން ރަށް ފިވައްމުލަކުގަ އެވެ. އޭނާގެ ޖަނާޒާ ކުރިއަށްގެންދިޔައީ އިންޑިއާއަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހު މިރޭ އިޝާ ނަމާދަށްފަހު އެވެ.

ޝިއާއު މަރާލި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ މަރާލިއިރު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ޝާހިލްގެ ބައްޕަ އިބްރާހީމް ނަސީމް ބުނެފައި ވަނީ އޭނާގެ ދަރިފުޅަށް ވިޔަސް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ސާބިތުވެއްޖެނަމަ ދަރިފުޅަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވެސް ނަސީމް ވަނީ ބުނެފަ އެވެ.