ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި ގުޅިގެން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް އެއް ދުވަހަކަށް ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގެ މިއަދު ހެނދުނު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ކުރިން ނިންމާފައި އޮތީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

އެކަމަކު އެ މައްސަލައިގައި ދެން ދައުލަތުން ދައުވާ ކުރާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމާއި ރައީސް ޔާމީންގެ ވަކީލުންވެސް އެދުނީ އަދީބާއި ޒިޔަތުގެ ހެކިބަސް އެއްކޮށް ނެގުމަށެވެ.

އޭގެ ސަބަބެއް ކަމަށް ދިފާއީ ވަކީލުން ވިދާޅުވީ ޒިޔަތާއި އަދީބުގެ ހެކިބަސް ދެ ތާރީހެއްގައި ނަގައިފި ނަމަ، އެއް ހެކިވެރިއެއްގެ ފަރާތުން އަނެއް ހެކިވެރިޔާ ބުނާ ބަސްތައް ބަލައި އެ ހެކިވެރިއެއްގެ ބަސްތައް ވަކި ގޮތަކަށް ފަރުމާ ކުރުމުގެ ފުރުސަތު ލިބޭތީ އެވެ.

އެކަމަށް އިއުތިރާޒު ނުކޮށް ދައުލަތުން ބުނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށްދާއިރު، އަޑުއެހުން ބޭއްވޭ ކޮންމެ ދުވަހަކު ހާޒިރުކުރެވޭނީ އެއް ހެކިވެރިއެއްކަން ޝަރީއަތުން ކުރިން އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހެކިން އެއްކޮށް ހާޒިރުކޮށްދޭން ދިފާއުން އެދިފައިވާކަން ކުރިން ދައުލަތަށް އެނގިފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމަކު ދިފާއުން އެދުން ގޮތަށް ދައުލަތުން އިއުތިރާޒު ނުކުރާތީ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އަދީބާއި ޒިޔަތުގެ ހެކިބަސް އެއްކޮށް ނެގުމަށެވެ. އެ ދެމީހުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.