ދިއްލީ (15 އޮގަސްޓް) - ކުރިއަށް އޮތް 25 އަހަރު ތެރޭގައި އިންޑިއާއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް އަމާޒު ހިއްޕަވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ އެގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ވެރިރަށް ދިއްލީގެ ރެޑް ފޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މޯދީ ވިދާޅުވީ މި އަމާޒަށް ވާސިލް ވުމަށް ހަކަތައާއި ޑިފެންސް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ރޮނގުން އާ ސިޔާސަތުތައް ހަދައި އިތުރު ކުރިއެރުންތައް ހޯދަން ޖެހޭ ކަމަށެވެ.

"މިއީ ވަރަށް ބޮޑު އަމާޒެއް. މި އަމާޒަށް ވާސިލް ވުމަށްޓަކައި އަހަރުމެންގެ ހުރިހާ ހިތްވަރެއް ލައިގެން މަސައްކަތް ކުރަން ޖެހޭނެ" މޯދީ ވިދާޅުވި އެވެ.

މޯދީ ވަނީ އޭނާގެ ވާހަކައިގައި އިންޑިއާގެ ޒުވާނުންނަށް އެމީހުންގެ ޒުވާން އުމުރު ގައުމަށް ހިދުމަތް ކުރުމުގައި ހޭދަ ކުރުމަށް ގޮވާލާފަ އެވެ.

ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އިންޑިއާ އޮތީ ދަށު ދަރަޖައިގެ އާމްދަނީ ލިބޭ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުގަ އެވެ. މި ކެޓެގެރީގައި ހިމެނެނީ ޕާ ކެޕިޓާ އާމްދަނީ 1086 ޑޮލަރާއި 4255 ޑޮލަރާ ދޭތެރޭގެ އަަދަދަކަށް ލިބޭ ގައުމުތަކެވެ. އެމެރިކާފަދަ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގައި އަދަދު އުޅެނީ 13205 ޑޮލަރުގަ އެވެ.

މިވަގުތު ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އޮތް އިންޑިއާއަކީ އެންމެ ހަލުވި މިނުގައި އިގްތިސާދު ކުރިއަަރަމުން އަންނަ ގައުމަކަށް ވާއިރު 2050 ވަނަ އަހަރާ ހަމައަށް އެގައުމުގެ އިގްތިސާދަކީ އެމެރިކާއާއި ޗައިނާއަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ވިދާޅުވެ އެވެ.

މިވަގުތު 1.4 ބިލިއަން މީހުންގެ އާބާދީއަކާއެކު އާބާދީގެ ގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮތް އިންޑިއާގެ އާބާދީ އަންނަ އަހަރު ޗައިނާއަށްވުރެ އިތުރުވާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އިންޑިއާގައި މިއަދު ފާހަގަކުރާ ގައުމީ ދުވަހަކީ އިނގިރޭސިންގެ ހިމާޔަތުން އެގައުމު މިނިވަން ވިތާ 75 އަހަރު ފުރޭ މިނިވަން ދުވަހެވެ. -- އަލް އަރަބިއްޔާ