އުމުރުން 30ން މައްޗަށް ދިއުމަށްފަހު މާބަނޑުވެ އިންނަ އަންހެނުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިދިރާސާއިން ދައްކާ ގޮތުގައި ގިނަ އަންހެނުންނަށް ހާޓްއެޓޭކް ޖެހޭނީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގަ އެވެ. 49 މިލިއަން އަންހެނުން ބައިވެރިކޮށްގެން ހެދި މި ދިރާސާގެ ބައިވެރިންގެ ތެރެއިން 1061 މީހަކަށް ވަނީ ވިހެމުގެ ތެރޭގައި ހާރޓްއެޓޭކް ޖެހިފައިވާއިރު މާބަނޑު ދުވަސްވަރު 922 މީހަކަށް ހާޓްއެޓޭކް ޖެހުނެވެ. އަދި 2390 މީހުންނަށް ވަނީ ވިހެއުމަށްފަހު ކިރުދޭ މުއްދަތުގައި ހާޓްއެޓޭކް ޖެހިފަ އެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 30ން މަތީގެ އަންހެނުންނެވެ.

20 އަހަރީއި 35 އަހަރާ ދެމެދުގެ އުމުރުގައި މާބަނޑުވާ އަންހެނުންނާއި އަޅާކިޔާއިރު 35 އަހަރާއި 39 އަހަރާއި ދެމެދުގައި މާބަނޑުވާ އަންހެނުންނަކީ ހާޓްއެޓޭކް ޖެހުމުގެ ނުރައްކާ ފަސް ގުނަ އިތުރު އަންހެނުންނެވެ. 40ން މައްޗަށް ދިއުމުއން މި ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

" ހުރިހާ އަންހެނުންވެސް ހިތުގެ ބަލިތައް ޖެހޭ ކަންކަން ދަނެގަތުމަކީ މުހިއްމު ކަމެއް، އެގޮތުން ލޭ މައްޗަށް ދިޔުމާއި ހަކުރުބަލި އަދި ފަލަވުން ފަދަ ކަންކަން މާނބަނޑުުމާއި ގުޅިގެން ކޮންޓްރޯލް ކުރަންޖެހޭ. އަދި ބަލިވެއިނުމާއި ވިހެއުމަށްފަހު މޭގައި ރިއްސުން ނުވަތަ ދިލަނެގުން ފަދަ ކަންކަމަކީ ހާރޓްއެޓޭކް ޖެހެން އުޅޭ ކަމުގެ އަލާމާތެއް ކަމަށްވާއިރު ވީ އެންމެ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާންޖެހޭ" ދިރާސާގައި ބުނެފައިވެ އެވެ.

ފަހަކަށް އައިސް ލަސް އުމުރުގައި މާބަނޑުވުމަކީ އާއްމު ކަމަކަށް ވެފައިވާއިރު މިކަމާ ގުޅިގެން އަންހެނާގެ ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ވިސްނަން ޖެހެ އެވެ.