ސައޫދީ އަރަބިއާއިން ރަތްކަނޑުގައި ބިނާކުރަމުން އަންނަ ޓޫރިސްޓް ރިސޯޓްގެ މަސައްކަތްތައް ނިމި އަންނަ އަހަރު ފަތުރުވެރިންނަށް ހުޅުވާލެވޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

އުއްމަހަތު އައިލެންޑްސްގެ ނަމުގައި ރަތް ކަނޑުގެ ފެނުން މައްޗަށް އިމާރާތްކުރާ މި ރިސޯޓް ހޮޓަލަކީ ދަ ރިޒް-ކާލްޓަން ހޮޓެލްސްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ނުޖާމާގެ ތެރެއަށް އިތުރުވާ ރިސޯޓެކެވެ.

ރިސޯޓުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ފޮޓޯތައް ހިއްސާ ކުރަމުން ސައޫދީ އަރަބިއާގެ ރެޑް ސީ ޑިވެލޮޕްމަންޓް ކޮމްޕެނީގެ ސީއީއޯ ޖޯން ޕެގާނޯ ވިދާޅުވީ އެ ރިސޯޓަށް އަންނަ އަހަރު ފަތުރުވެރިން އަންނާނެ ކަމަށެވެ.

ޕެގާނޯ ހިއްސާކުރި ފޮޓޯތަކުން 28000 އަކަ ކިލޯމީޓަރުގެ އެ ޖަޒީރާ ރަށްތަކުގެ ރީތި މަންޒަރެއް ފެނިގެން ދާއިރު ރިސޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ފެނިގެންދެ އެވެ.

ނުޖާމާ ބްރޭންޑުގެ ދަށުން ރިޒް ކާލްޓަންގެ ރިސޯޓުތަކެއް މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތެކުގައި ހިންގަމުން އަންނައިރު މިއީ އެ ބްރޭންޑަށް އިތުރުވާ ފަސްވަނަ ރިސޯޓެވެ.

ރަތް ކަނޑުގެ ޖަޒީރާ ރަށްތަކުން ރަށެއްގައި އިމާރާތް ކުރަމުން އަންނަ މި ރިސޯޓުގައި ސްޕާތަކާއި ސްވިމިން ޕޫލްތަކުގެ އިތުރުން ތަފާތު އެކި ރެސްޓޯރެންޓުތަކާއި އެނޫންެވެސް ފަތުރުވެރިން ބޭނުންވާ ފަދަ ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިޒް ކާލްޓަންގެ ނުޖާމާ ރިސޯޓުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތްކޮށް ބެލެެހެއްޓުމުންދާ ތިމާވެށީގެ ސަރަހައްދުތަކުގައި އެކުންފުނިން ހިންގަމުން އަންނަ ރިސޯށުތަކެކެވެ.

2030 ވަނަ އަހަރު ނިންމުމަށް ރާވަފައިވާ ދަ ރެޑް ސީ ޕްރޮޖެކްޓްގެ ދަށުން ރަތްކަނޑުގައި ޖަޒީރާ ރަށްތަކެއް ހަދައި އެ ރަށްތަކުގައި 80 އެނދުގެ ރިސޯޓުތައް ހިންގޭނެ އެވެ.

ސައޫދީ އަރަބިއާއަށް މިދިޔަ އަހަރު 60 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އެގައުމުން މިއަހަރު އަމާޒު ހިފާފައިވަނީ 70 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.