މިދިޔަ އޭޕްރީލް މަހު އެވާޓަން އާއެކު ކުޅުނު މެޗަކުން ބަލިވުމަށްފަހު ސަޕޯޯޓަރެއްގެ ފޯނު ބިންމައްޗަށް ޖެހި މެންޗެސްޓާ ޔުނައިޓަޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުލުހުން އިންޒާރު ދީފި އެވެ.

އުމުރުން 37 އަހަރުގެ އެ ކުޅުންތެރިޔާ ވަނީ 14 އަހަރުގެ ކުޑަ ކުއްޖެއްގެ ފޯނު ބިންމައްޗަށް ޖެހުމަށްފަހު މީޑިއާގައި މައާފަށް ވެސް އެދިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ގަސްދުގައި މީހަކަަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތުގައި ރޮނާލްޑޯ ވަނީ އޭނާގެ ރުހުމުގައި ފުލުހަށް ހާޟިރުވެ ބަޔާން ދީފައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑުން އެވާޓަންއާއެކު ކުޅުނު މެޗުން ޔުނައިޓަޑް ބަލިވުމަށްފަހުގަ އެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަށް ފުރަތަމަ އިންޒާރު ދިނުމަށްފަހު މައްސަލަ ނިންމާފައިވާ ކަމަށެވެ.