ކޮވިޑުން ލިބުނު ގެއްލުންތަކުން އަރައިގަންނަން އެހީވުމަށް، ކުދި ޖަޒީރާ ގައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ވާޗުއަލް އިވެންޓެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ޖަމިއްޔާ އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ބައްދަލުވުމަކީ އެއޯސިސް އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ، ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ބެލީޒުން ރިޔާސަތު ބެލެހެއްޓި މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ޚާއްސަ ހާލަތްތައް ދިމާވެފައިވާ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާކަން ފެންނަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ތަރައްގީގެ ބައިވެރިންނަށް މިނިސްޓަރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް އަޔަދީގެން ނުވާނެ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ކަންތަކަށް ހެދުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމަށް އެއޯސިސްގެ ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލަން ޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށްފަހު، 1990 ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގަ އެވެ. އެއޯސިސް އިން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އުފުލުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

އެއޯސިސް އުފެދުނީއްސުރެ ރާއްޖެއަކީ އެ ޖަމިއްޔާގެ މެމްބަރު ގައުމެކެވެ. އަދި 2015 އިން 2018 އަށް އެއޯސިސްގެ ރިޔާސަތު ބެލެހެއްޓީ ރާއްޖެއިންނެވެ.