ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައިގެން ޒަހަމް ލިބި، އަންހެނަކު ނިޔާވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ރަތަފަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ގޭސްފުޅިއެއް ގޮވައި އަނިޔާވެފައި ވަނީ އެރަށުގެ މީހެއް ކަމަށެވެ.

މުހައްމަދު ވިދާޅުވިގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ.

އެ އަންހެން މީހާއަށް ލިބުނު ޒަހަމްތަކަށް ފަރުވާކުރުމަށް އެންމެ ފުރަތަމަ ގެންދިޔައީ، ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެއަށްފަހު އެއަންހެން މީހާއަށް ފަރުވާދީފައިވަނީ މާލެ ގެންދިއުމަށްފަހު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށް ކައުންސިލްގެ ރަޢީސް ވިދާޅުވި އެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ފިހިފައިވާކަމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވެ އެވެ. އަދި ހާދިސާގައި ލިބިފައިވާ ޒަހަމްތަކަށް ފަރުވާކުރަމުން ދަނިކޮށް އަންހެން މީހާ މަރުވީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށްވެ އެވެ.

މި ހާދިސާގައި ނިޔާވީ އުމުރުން 53 އަހަރުގެ އަންހެނެކެވެ.