ކާބުލް (23 އޮގަސްޓް) - އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ އިސްވެރިންނަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމާ މެދު އދގެ ސަލާމަތާ ބެހޭ މަޖިލީހުގެ މެމްބަރުންގެ މެދުގައި ޚިލާފުވުންތައް އުފެދިއްޖެ އެވެ.
2011 ވަނަ އަހަރު އެ މަޖިލީހުން ނެރުނު ގަރާރެއްގައި ވާގޮތުން އދ. ގެ ގައުމުތަކަށް އެތެރެ ވުމުގައި އެ ގައުމުތަކުން ބޭނުންވާނަމަ ތާލިބުންގެ އޮފިޝަލުންނަށް ހިފެހެއްޓުންތަކެއް ގެންގުޅެވިދާނެ އެވެ.
އެހެން ނަމަވެސް ވަކި އެއްބަސްވުމެއްގެ ދަށުން ތާލިބާނުންގެ 13 އޮފިޝަލަކަށް އެއްވެސް އުނދަގުލެއް ނެތި އެހެން ގައުމުތަކަށް ދަތުރު ކުރެވޭނެ އެވެ. މި އެއްބަސްވުމުގެ މުއްދަތު މިދިޔަ ހުކުރު ދުވަހަށް ހަމަވެފައިވާއިރު އަޔަލޭންޑުން ވަނީ އެއްބަސްވުން އަލުން އާ ކުރަން ދެކޮޅު ހަދާފަ އެވެ.
ފާއިތުވި މުއްދަތުގެ ތެރޭގައި މި އެއްބަސްވުމުގެ ދަށުން ދަތުރު ކުރުމުގެ ހުއްދަ ދެވޭ އޮފިޝަލުން މަދުކުރަން ހުޅަނގުގެ ގައުމުތަކުން ޑިމާންޑު ކުރަމުންދާއިރު މިހާތަނަށް ވެސް ބައެއް އޮފިޝަލުން ވަނީ މި އެއްބަސްވުމުން އުނިކޮށްފަ އެވެ.
އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން އެއްބަސްވުން އާ ކުރަން ދެކޮޅު ހެދި ނަމަވެސް އެމެރިކާއާއި ރަޝިއާއިން ވަނީ ކުރިއެކޭ ވެސް އެއްގޮތަށް އެއްބަސްވުން އާ ކުރަން ގަބޫލު ކަމަށް ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުންތައް ހޫނުވެފައިވާއިރު މިކަމުގެ ބަހުސްތައް ކުރިއަށް އޮތް ޖަލްސާތަކުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ