ރިޔާދު (25 އޮގަސްޓް) - އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް، ވޯލްޑް ކަޕް 2022 ބަލަން ދާ ފަރާތްތަކަށް ސައޫދީ އަރަބިއާއިން ވިސާދޭން ނިންމައިފި އެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނީ ވޯލްޑް ކަޕްގެ ބެލުންތެރިންނަށް ދޫކުރާ ހައްޔާފެން އައިޑީ ކާޑު އޮތް ފަރާތްތަކަށް 60 ދުވަހުގެ ވިސާއެއް ދޫކުރެވޭނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެކިފަހަރު މަތިން އެގައުމަށް ވަދެ ނުކުމެ ހެދޭނެ އެވެ.

ވޯލްޑް ކަޕްގެ 2.54 މިލިއަން ޓިކެޓު މިހާތަނަށް ވިކެފައިވާއިރު މިއީ މުޅި ގަތަރުގެ އާބާދީއާ ގާތްކުރާ އަދަދެކެވެ. އެހެން ކަމުން މުބާރާތުގެ ތެރޭގައި ގަތަރުގެ އާބާދީ ދެގުނަވާނެ ކަމަށް ބެލެވެ އެވެ.

ވޯލްޑް ކަޕާއެކު ގަތަރަށް އަންނަ ފަތުރުވެރިން އިތުރުވެ އެ މުއްދަތަށް ޓޫރިސްޓް ހޮޓާތައް މިހާރުވެސް ފުރިފައިވާއިރު ގަތަރުން ވަނީ ވޯލްޑްކަޕް ބެލުންތެރިންނަށް ތިބެވޭނެ ގޮތް ހަމަޖެއްސުމުގައި އެހީވުމަށް އަވަށްޓެރި ގައުމުތަކުގައި އެދިފަ އެވެ.

އެގޮތުން ބަލާއިރު ދުބާއީއަށް ވެސް މި މުއްދަތުގައި ދަތުރުކުރ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެގައުމުން ބުނާއިރު ގިނަ އަދަދެއްގެ މީހުން އީރާނަށް ދާނެ ކަމަށް ވެސް ބެލެވެ އެވެ.

ވޯލްޑް ކަޕް މެޗުތައް އޮންނަ ދުވަސްތަކުގައި މި ގައުމުތަކާއި ގަތަރާ ދެމެދު ޝަޓަލް ފްލައިޓްތައް ބާއްވަން އެއާލައިންތަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އޭގެ އިތުރުން މުބާރާތުގެ އޯގަނައިޒަރުން ވަނީ ގަތަރުގެ ސަހަރާތަކުގައި ޓެންޓު ޖަހައިގެން ވެސް ޓޫރިސްޓުންނަށް ތިބެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ