އާއިލީ ގުޅުމެއް ނެތި އެހެން ނަމަވެސް ވަކިކުރަން ނޭނގޭ މިންވަރަށް މޫނު އެއްގޮތް ހަތް މީހުން ދުނިޔޭގައި އުޅޭކަމަށް މީގެ ކުރީގެ ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެމީހުންނަކީ އެއް މޫނެއްގެ ހަތް ވެރިންނެވެ. ކައިރީގައި ތިބޭއިރު އެއްމާބަނޑު ދެބެއިން ފަދަ އެވެ. ނަމަވެސް ދުރު ދުރަށް ދާންދެން ވެސް އާއިލީ ގުޅުމެއް ނެތެވެ.

މިއީ މީގެ ކުރީގެ ހޯދުންތަކެކެވެ. މިފަހުގެ ހޯދުންތަކުގައި ބުނާ ގޮތުންނަމަ މިފަދަ މީހުންގެ ޖެނެޓިކް ޑީއެންއޭގައި ވެސް އެއްގޮތް ކަމެއް ހުރެ އެވެ.

ކެނެޑާގެ ފޮޓޯގްރަފަރެއް ކަމަށްވާ ފްރާންސިއޯސް ބްރޫނެލްގެ ފޮޓޯގްރްގަފީ ޕްރޮޖެކްޓެއްގެ ދަށުން 100 އަށްވުރެ ގިނަ ސިފަ އެއްގޮތް ޖޯޑުތައް އެއްކޮށް ފޮޓޯ ނަގާފައިވާއިރު މި ޕްރޮޖެކްޓަށް އިންޓަނެޓުގެ އިތުރުން އިންސާނުންގެ ޖެނެޓިކްސް ދިރާސާކުރާ ސައިންވެރިންގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އެގޮތުން ޖެނެޓިކް ސައިންސްވެރިއެއް ކަމަށްވާ ޑރ. މެނަލް އެސްޓެލާއާއި އޭނާގެ ޓީމުން ވަނީ ސިފަ އެއްގޮތް އެހެން ނަމަވެސް އާއިލީ ގުޅުމެއް ނެތް މީހުންގެ 32 ޖޯޑު ބޭނުންކޮށްގެން ދިރާސާއެއް ކޮށްފަ އެވެ. މި ދިރާސާގައި ޑރ. އެސްޓެލާ ބަލާފައިވަނީ މިފަދަ މީހުންގެ ޑީއެންއޭގައި އެއްގޮތް ކަމެއް ހުރޭތޯ އެވެ.

ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ވަކިކުރަން ނޭނގޭ ވަރަށް ސިފައެއްގޮތް މީހުންގެ ޑީއެންއޭގައި ވެސް އެއްގޮތް ކަމެއް ހުރެ އެވެ. އެގޮތުން 32 ޖޯޑުގެ ތެރެއިން 16 ޖޯޑުގެ ޑީއެންއޭ ސިފަތައް އެއްގޮތް ކަމަށާއި މިއީ އެފަދަ ދެ މީހެއްގެ ޖީންތައް އެއްގޮތް ވުމުން މެދުވެރިވާ ކަމެއް ކަމަށް އެސްޓެލާގެ ޓީމުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ޑީއެންއޭއަށް އެކަނި ބިނާކޮށް އާއިލީ ގުޅުމެއް ނެތް މީހުންގެ ސިފަ ވައްތަރުވަނީ ކީއްވެގެންކަން ނިންމެން ނެތް ކަމަށާއި އެކަމުގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކާބަފައިންގެ އަސްލު ވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި މި ދިރާސާގެ އަލީގައި ޖެނެޓިކް ބަލިތައް ދެނެގަތުމަށް ސިއްހީ މާހިރުންނަށާއި ޑޮކްޓަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އެސްޓެއްލާގެ ޓީމުން އުއްމީދު ކުރެ އެވެ.