ޕީރިއަޑްވުން ދުވަހަށްވުރެ ލަސްވެ ހާސްވެގެން އުޅެން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އެކަމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވުން ވަރަށް ގާތެވެ. އެގޮތުން ޕީރިއަޑްނުވެ ތިން ދުވަހަށްވުރެ ލަސްވާނަމަ ޑޮކްޓަރެއްގެ ލަފާ އަވަހަށް ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މި ލިޔުމުގައި މި ބަލާލަނީ ޕީރިއަޑްވުން ލަސްވެދާނެ ބައެއް ސަަބަބުތަކަށެވެ.

މާބަނޑުވުން

ޕީރިއަޑްވުން ލަސްވާ އެންމެ އާންމު ސަބަބަކަށް އަބަދުވެސް ވެފައި އޮންނަނީ ބަލިވެ އިނުމެވެ. ވިހެއުން ކޮންޓްރޯލް ކުރާ ބޭހާއި ހުރަސް ބޭނުންކުރި ނަމަވެސް ބައެއް ފަހަރު ބަލިވެ އިންނަ ގޮތްވެ އެވެ. އެހެންކަމުން ޕީރިއަޑް ލަސްވަނީ ބަލިވެ އިނުމުން ކަމުގައި ވުމުގެ ފުރުސަތު އަބަދުވެސް ވަރަށް ބޮޑެވެ.

މާބޮޑަށް ބަލިވުން

އާދައިގެ ހުމާއި ރޯގާގެ ސަބަބުން ޕީރިއަޑް ސައިކަލަށް ބަދަލު ނައި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަން ޖެހޭ ވަރަށް ބަލިވާނަމަ ޕީރިއަޑް ސައިކަލަށް ބަދަލުއައުން އެކަށީގެންވާކަމުގައި ޑަކުޓަރުން ބުނެ އެވެ. ޑަކުޓަރުން ބުނާގޮތުގައި އެގޮތަށް ދިމާވަނީ ބަލީގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސް ހޯމޯން އިތުރު ވުމުންނެވެ.

ތައިރޮއިޑް މައްސަލަ ހުރުން

ތައިރޮޑް މައްސަލައިގެ ސަބަބުން ގަވާއިދުން ޕީރިއަޑް ނުވުން އެކަށީގެންވެ އެވެ. އެހެންކަމުން ގަވާއިދުން ޕީރިއަޑް ނުވާނަމަ ތައިރޮއިޑް މައްސަލައެއް ހުރިތޯވެސް ބަލާލުން ބުއްދިވެރި އެވެ.

ކަސްރަތު ކުރަން ފެށުން

ބައެއް ހާލަތްތަކުގައި ކަސްރަތު ކުރަން ފެށުން ނުވަތަ ދުވަން ދާން ފެށުމުންވެސް ޕީރިއަޑްވުން ވަގުތީ ގޮތުން ލަސްވާ ގޮތްވެ އެވެ. ނަމަވެސް ގަވާއިދުން ކަސްރަތުކުރާނަމަ ގަވާއިދުން ޕީރިއަޑްވުމަށް ދިމާވާ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އެވެ.

ބަރުދަނަށް ބޮޑު ބަދަލެއް އައުން

މާބޮޑަށް ހިކުމުންވެސް ޕީރިއަޑްވުން ލަސްވާ ގޮތްވެ އެވެ. ހަމަ އެފަދައިން މާބޮޑަށް ފަލަވުމުންވެސް ޕީރިއަށްވުން ލަސްވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފަލަކޮށް ތިބޭ އަންހެނުންނަށް ޕީރިއަޑްވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ދުޅަހެޔޮކޮށް ތިބޭ އަންހެނުންނަށްވުރެ 75 ޕަސެންޓް ބޮޑެވެ.