މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ދިރުވާލައިގެން ގެނައި ބްރެޒިލް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް އައި ބްރެޒިލްގެރެނާޓޯ އަލްފްރެޑޯ 21، ކިޔާ މީހަކު ކަމަށް ފުލުހުން ބުންޏެވެ.

"އޭނާ ހައްޔަރުކޮށްފައިވަނީ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އޭނާ ހުއްޓުވައި، އެކްސްރޭ ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފުލުހުންނަށް މައުލޫމާތު ދިނުމުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން، އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވުމާ ގުޅިގެން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.